"ޓަކާޓަކާ" ގޮވައިގެން ނުކުމެ، ދިވެހި އާންމު ރައްޔިތު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ނަޝީދު ވިދާޅުވީ، މިފަދަ ކަންކަމަކީ ދިވެހިރާއްޖެ އަބަދު ވެސް ނިކަމެތިކަމާއި ފަގީރުކަމުގެ ތެރޭގައި ބޭއްވުމަށް ޓަކައި ޖަހަމުންދާ މަޅިއެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުންގެ ގެދޮރާއި ބިންތައް ސްރީލަންކާގައްޔާއި މާލޭގައި އެބަހުރި ކަމަށެވެ. އަދި އެ ބޭފުޅުންގެ ދަރިން ބޭރުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާއިރު، އާންމު ރައްޔިތުންނަށް ލިބެން އޮންނަ ފުރުސަތުތަކަށް ހުރަސްއަޅައި އެކަމާ ދެކޮޅަށް އަޑުއުފުލުމަކީ "ދެފުށްދެކެހެރި" އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
އެމަނިކުފާނ ދަންނަ އެމްޑީޕީއަކީ "އަމިއްލަ ނޭފަތު ކުރިއަށް ވުރެ ދުރަށް"، ރަށު ގޮނޑުދޮށުން ބޭރަށް، އަތޮޅު ދުނީގެ އިތުރުން މުޅި ރާއްޖޭގެ އިންފާރުން ބޭރަށް ވިސްނުން ގެންދިއުމަށް އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. އަދި އެއީ މަލްޓިކަލްޗަރަލް އަދި ލިބަރަލް ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެމްޑީޕީން އަބަދުވެސް ގަބޫލުކުރަނީ ދިވެހި ރައްޔިތުން އެދެނީ ތަނަވަސްކަމާއި، އެއްވެސް ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށެވެ. އަދި ރައްޔިތުން އެދޭ މިފަދަ ތަރައްގީއާއި ތަނަވަސްކަން ހޯދައިދިނުމަކީ ޕާޓީގެ އަސާސީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުބާއީގެ އީގްލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ މަޝްރޫއަށް ނަޝީދު އަންނަނީ ފުރިހަމައަށް ތާއީދު ކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.