ވައިގެ މަގުން ރާއްޖެއަށް 3.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، ނިލަމެހިގެ، އިސްމާއިލް ނަސީރު (45އ) އަދި ނ. މަނަދޫ، ވެށި، މުހައްމަދު ޒިޔާދު (28އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ދެ މީހުން ވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތަކެތި އެތެރެކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުން ގެނައި ތިން ދާގިނާއެއްގެ ތެރޭގައި ފޮރުވައިގެންނެވެ. އެ ތިން ދާގިނާ ފާސްކުރިއިރު ކޮންމެ ދާގިނާއަކުން ހަތަރު ޕެކެޓް ހިމެނޭހެން ޖުމުލަ 12 ޕެކެޓް ފެނިފައިވެއެވެ. މި ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ޖުމުލަ ބަރުދަނުގައި 3.51 ކިލޯގްރާމް ހުރި ކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، މި ދެ މީހުން ސައިކަލެއްގައި އައިސް، އޭގެ ތެރެއިން އިސްމާއިލް ނަސީރު އެއް ދާގިނާ ހިފައިގެން ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ. އަދި ދުރުގައި ބަލަން ހުރި މުހައްމަދު ޒިޔާދު ވެސް އެ ވަގުތު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ތަކެއްޗާ ބެހޭގޮތުން ފުލުހުން ސުވާލުކުރުމުން، އެއީ ޒިޔާދު ބުނެގެން ހަވާލުވި އެއްޗެއް ކަމަށާއި، ގެސްޓްހައުސެއްގެ 302 ނަމްބަރު ކޮޓަރިއަށް އެތަކެތި ގެންގޮސްދިނުމުން ފައިސާ ދޭނެ ކަމަށް ޒިޔާދު ބުނެފައިވާ ކަމަށް އިސްމާއިލް ނަސީރު ބުނެފައިވެއެވެ. މީގެ އިތުރުން ޒިޔާދު ބަލައި ފާސްކުރިއިރު، ހ. ރެސްޓައިން ގޭގެ 302 ނަމްބަރު ކޮޓަރީގެ ޓެގް ޖެހި ތަޅުދަނޑިއެއް އޭނާގެ ޖީބުން ވަނީ ފެނިފައެވެ.

މި މައްސަލައިގައި ކޯޓުގައި ވާހަކަދައްކަމުން ދެ މީހުން ވެސް ވަނީ އެ ތަކެއްޗާ ސީދާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ޒިޔާދު ބުނީ އޭނާއަކީ ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ މީހެއް ކަމަށާއި، އޭނާ އެތަނަށް ދިޔައީ އިސްމާއިލް ނަސީރު އެދިގެން ސައިކަލުގައި ގެންގޮސްދިނުމަށް ކަމަށެވެ. އަދި ފޮށިގަނޑުގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. އިސްމާއިލް ނަސީރު ބުނެފައިވަނީ އޭނާ އެކަން ކުރީ މީހަކު ފައިސާ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ހައްޔަރުކުރި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑު އޮވެއެވެ. އަދި ދެ މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ.