ރާއްޖޭގެ އިރުއުތުރުން، ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުން 101 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ މަސްބޯޓެއް އެ ގައުމުގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ.

ލަންކާގެ ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން މި ބޯޓު އަތުލައިގަތްއިރު އޭގައި ފަސް ފަޅުވެރިން ތިއްބެވެ. މި އުޅަނދު އިއްޔެ ހެނދުނުގެ ވަގުތެއްގައި ވަނީ އެ ގައުމުގެ ގޯލް ބަނދަރަށް ގެންގޮސްފައެވެ.

ފުން ކަނޑުގައި ގިނަ ދުވަހު މަސްވެރިކަން ކުރެވޭ ގޮތަށް ބަންދެފައިވާ މި ބޯޓު ބަނދަރަށް ގެންގޮސް އިތުރަށް ބަލައި ފާސްކުރުމުން ހަ ބަސްތާއެއްގެ ތެރެއިން 58 ކިލޯގެ ކޮކެއިން އަދި 43 ކިލޯގެ ހެރޮއިންގެ އިތުރުން 134 ގްރާމްގެ މެތަމްފެޓަމައިން (އައިސް) ވަނީ ފެނިފައެވެ. ލަންކާގެ ކަނޑުގެ ސިފައިން އަންދާޒާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 1.5 ބިލިއަން ލަންކާ ރުޕީސްއަށް އަރާނެއެވެ.

އިޝްތިހާރު އިޝްތިހާރު

އަތުލައިގަތް ބޯޓާއި އޭގައި ތިބި ފަސް މީހުން މިހާރު ވަނީ ތަހުގީގަށް އެ ގައުމުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފައެވެ. މަސްވެރިކަމުގައި އުޅެނިކޮށް އޮޔާ ގޮސްގެން ކަމަށް ބުނެ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެސް އާންމުކޮށް ވަންނަ ޒާތުގެ މި ބޯޓު ބަލައި ފާސްކުރިއިރު، ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) އަރޫނާ ޖަޔަސޭކަރަ އާއި ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޑަމިއަން ފެނާންޑޯގެ އިތުރުން ސިފައިންނާއި ފުލުހުންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތައް ގުޅިގެން "އަ ނޭޝަން ޔުނައިޓެޑް" ގެ ނަމުގައި ލަންކާ ސަރުކާރުން ހިންގާ ހާއްސަ ގައުމީ ކެމްޕޭނުގެ ދަށުން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.