ގަލްފް އޮފް އަދަން ނުވަތަ އަދަން ކަނޑުގެ ސަރަހައްދަށް ސިފައިން ފޮނުވުމަކީ އެމެރިކާ-އީރާނު ހަނގުރާމައިގައި ދެކުނު ކޮރެއާ ބައިވެރިވުން ނޫން ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރ ކަންގް ޝިން-ޗުލް ވިދާޅުވީ، ޗެއޮންގޭ އެންޓި ޕައިރެސީ ޔުނިޓް ގަލްފް އޮފް އަދަންގައި ގާއިމްކުރުމަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވުމާ އެއްވަރު ކަމެއް ނޫން ކަމަށެވެ.
އެންޓި ޕައިރެސީ ޔުނިޓެއް ސަރަހައްދަށް ފޮނުވުމަކީ ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެކުނު ކޮރެއާގެ ނުސީދާ އަސްކަރީ ބައިވެރިވުމެއްވެސް ނޫން ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓަރ ކަންގް ޝިން-ޗުލް ވިދާޅުވީ، ކަނޑުފޭރުމުގެ ހަރަކާތްތައް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަދަން ކަނޑުގެ ސަރަހައްދުގައި ތިންގުނައަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ދެކުނު ކޮރެއާ ސިފައިން ފޮނުވުމުގެ ބޭނުމަކީ އަދަން ކަނޑު ހުރަސްކުރާ ދެކުނު ކޮރެއާގެ ބޯޓުތަކާއި ކަނޑުގެ މަގު ބޭނުންކުރާ ރައްޔިތުން ހިމާޔަތްކުރުން ކަމަށް ވިދާޅުވިއެވެ.
އަދަން ކަނޑަށް ސިފައިން ފޮނުވަން ދެކުނު ކޮރެއާއިން ތައްޔާރުވާއިރު، އެމެރިކާއިން ގެންދަނީ ހޮރްމޫޒު ކަނޑުއޮޅީގައި އީރާނާ ކުރިމަތިލުމަށް ދެކުނު ކޮރެއާގެ އެހީއަށް އެދެމުންނެވެ. އީރާނުން ގެންދަނީ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ދެކުނު ކޮރެއާއަށް އިންޒާރު ދެމުންނެވެ.
ދެކުނު ކޮރެއާ ސިފައިން މެދުއިރުމަތީގެ އެއްވެސް ހިސާބަކަށް ފޮނުވުމާ ދެކޮޅު ހަދައި އެގައުމުގެ ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ.
އަދަން ކަނޑަށް ސިފައިން ފޮނުވަނީ ހަނގުރާމައިގައި ބައިވެރިވާކަށްނޫން: ދެކުނު ކޮރެއާ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.