މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަޝްރޫޢުގެ ދަށުން، ފައުންޑޭޝަން ޓައިބީމް ރީއިންފޯސްމަންޓް މަސައްކަތްތައް ސައިޓުގައި މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. 32،000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢަކީ 171 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މުލީގައި ޒަމާނީ ފެންވަރުގެ 50 އެނދުގެ ހޮސްޕިޓަލެއް 4 ފަންގިފިލާއަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލް އިމާރާތުގެ އިތުރުން، އިދާރީ މަސައްކަތްތަކަށް ޚާއްސަ ވަކި އޮފީސް އިމާރާތެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވިގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި އައު އިމާރާތާއެކު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. އެގޮތުން، ކޮންސަލްޓޭޝަން ރޫމްތަކާއި، ޒަމާނީ އޮޕަރޭޝަން ތިއޭޓަރާއި، އިމަޖެންސީ ރޫމް (އީ.އާރް)، އެން.އައި.ސީ.ޔޫ އަދި ކުޑަކުދިންގެ ޚާއްސަ ވޯޑެއް ހިމެނޭނެއެވެ. މީގެއިތުރުން ޑެންޓަލްގެ ޚިދުމަތްތަކާއި، ފިޒިއޮތެރަޕީ އަދި ރޭޑިއޮލޮޖީގެ އިތުރުން ޕްރައިވެޓް ރޫމްތަކާއި، މީޓިންގ ރޫމް އަދި ކުޑަކުދިން ކުޅޭނެ ޚާއްސަ އޭރިއާއެއްވެސް މި އިމާރާތުގައި ޤާއިމުކުރާނެއެވެ.

މުލަކަތޮޅަކީ ގާތްގަނޑަކަށް 7،400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަތޮޅަކަށްވާއިރު، އެ އަތޮޅުގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ސިއްޙީ ޚިދުމަތް ހޯދަމުން އަންނަނީ 30 އަހަރަށްވުރެ ގިނަ ދުވަސްވީ މުލީ ރީޖަނަލް ހޮސްޕިޓަލުންނެވެ. ގިނަ ދުވަސްތަކެއް ވެފައިވާ މި ހޮސްޕިޓަލަށް ވޭތުވެދިޔަ ދިގު މާޒީގައި އެދެވޭ ބޮޑު ތަރައްޤީއެއް ގެނެވިފައި ނުވިނަމަވެސް، މިހާރު ކުރިއަށްދާ އައު އިމާރާތުގެ މަޝްރޫޢު ނިމުމުން އެ އަތޮޅުގެ ސިއްޙީ ޚިދުމަތަށް ބޮޑު އިންޤިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.