ބަންގްލަދޭޝްގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެއާ ޕްލޭ އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު އޮތް ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް މި އެވޯޑު ހަވާލުކުރިއިރު، މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ސާފް ޗެމްޕިއަންޝިޕެއްގައި އެންމެ ދަށް ނަތީޖާތަކެއް ނެރުނު އެއް ފަހަރެވެ. އެގޮތުން، ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައިރު މުބާރާތުގައި އެންމެ ލަނޑެއް ވެސް ރާއްޖެއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިއީ ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށް ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް ޕާކިސްތާން އަތުން ރާއްޖެ ބަލިވި ފުރަތަމަ މެޗެވެ. އަދި ދެވަނަ މެޗުގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 1-0 އިންނެވެ.
މިފަހަރުގެ މުބާރާތުގެ ތަށި އުފުލައިލީ އިންޑިއާއިންނެވެ. ފައިނަލް މެޗުގައި ޕާކިސްތާނުން ލަނޑެއް ޖަހައި ކުރިހޯދާފައިވަނިކޮށް، ފަހަތުން އަރައި 2-1 އިން މޮޅުވެގެން އިންޑިއާއިން ވަނީ 10 ވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.
ސަރަޙައްދުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާގެ އިތުރުން ރާއްޖެއިން ވަނީ 2008 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.