ކުރިއަށް އޮތް އަށް މަސް ފަހުން އިތުރު ސާފް ޗެމްޕިއަންޝިޕް މުބާރާތެއް އޮންނާނެ ކަމަށާއި، އެ މުބާރާތް ބޭއްވުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްރީ ލަންކާގެ ފުޓުބޯޅަ އިދާރާގެ ރައީސް އަދި ސައުތު އޭޝިއަން ފުޓުބޯޅަ ފެޑަރޭޝަން (ސާފް) ގެ ނައިބު ރައީސް ޖަސްވާރު އުމަރު ވިދާޅުވެއްޖެއެވެ.
ޖަސްވާރު މިކަން ހާމަކުރެއްވީ، މިހާރު ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި ލަންކާއަށް ދިމާވި ނާކާމިޔާބީއާ ގުޅިގެން، ސަޕޯޓަރުންގެ ކިބައިން މާފަށް އެދި ނެރުއްވި ބަޔާނެއްގައެވެ. މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒުގައި ނުކުތް ނަމަވެސް، ފުރަތަމަ މެޗުން ބޫޓާންއާ 2-2 އިން އެއްވަރުވެ، އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 4-0 އިން ބަލިވެ، ލަންކާ ވަނީ މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފައެވެ.
އެ ބަޔާނުގައި ޖަސްވާރު ވިދާޅުވީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް މުބާރާތް ލަންކާގައި ހޯސްޓް ކުރުމަށްޓަކައި މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި އަމިއްލަ ގައުމުގައި އެ މުބާރާތް ބޭއްވިއްޖެނަމަ، އެއީ ލަންކާގެ ގައުމީ ޓީމަށް ކާމިޔާބީއެއް ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްރީ ލަންކާއަކީ މީގެ ކުރިން ވެސް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގައުމެކެވެ. އެ ގޮތުން 1995 ވަނަ އަހަރު ފުރަތަމަ ފަހަރަށް މުބާރާތް ހޯސްޓްކޮށް، ލަންކާއިން ވަނީ ތަށި ވެސް އުފުލާލައިފައެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއާ ގުޅިގެން މުބާރާތް ބޭއްވިއިރު، އެ ފަހަރު ސެމީ ފައިނަލުން ލަންކާ ކެޓީ ރާއްޖެ އަތުންނެވެ.
މޯޑޭ