މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި ގެނައި ބަދަލުތަކާ ގުޅިގެން ފުޓްބޯޅައިގެ ގިނަ ފަރާތްތަކެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އެ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް އެ އުސޫލު ތަކުރާރުކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މޮރޮކޯ، ސްޕެއިން އަދި ޕޯޗުގަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 2030 ގެ ވޯލްޑް ކަޕުގެ އިތުރުން، މުބާރާތުގެ 100 އަހަރު ފުރުން ފާހަގަކުރުމަށް އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއާއީގައި ވެސް މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވި ވޯލްޑް ކަޕުގައި ފީފާއިން ވަނީ ކޮންމެ މެޗެއްގައި މަޖުބޫރު ދެ "ޑްރިންކްސް ބްރޭކް" ނުވަތަ ފެންބުއިމުގެ ވަގުތު ތައާރަފުކޮށްފައެވެ. ގާތްގަނޑަކަށް ތިން މިނެޓަށް ދެމިގެންދާ މި މެދުކެނޑުންތައް ގެނެސްފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައްޔާއި 67 ވަނަ މިނެޓުގައެވެ. މީގެ ސަބަބުން ގިނަ ކޯޗުންނާއި ކުޅުންތެރިން ފާޑުކިޔަމުން ބުނެފައިވަނީ، މިއީ ދެ ހާފަށް ކުޅޭ މެޗެއް ހަތަރު ކުއާޓަރަށް ބަދަލުކޮށްލުން ފަދަ ކަމެއް ކަމަށާއި، އޭގެ ސަބަބުން މެޗުގައި ކުރިއަށް އަރަމުންދާ ޓީމުގެ "މޮމެންޓަމް" ގެއްލިގެންދާ ކަމަށެވެ. އަދި އެހެން ކުޅިވަރުތަކުގެ "ޓައިމް-އައުޓް" ތަކެކޭ އެއްފަދައިން، ބަލިކަށި ޓީމުތަކަށް އަލުން ރޭވުންތައް ތަރުތީބުކޮށްލަން ލިބޭ ފުރުސަތަކަށް މިކަން ވެގެންދާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ދެއްކުމުގެ ހައްގުތައް ގަތުމަށް ޝައުގުވެރިވާ ބްރޯޑްކާސްޓަރުންނަށް ފީފާއިން ފޮނުވި ޓެންޑާ ލިޔެކިޔުންތަކުގައި ވެސް މިފަދަ ތިން މިނެޓުގެ ބްރޭކްތައް ހިމެނިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިކަން އަދި ރަސްމީކޮށް ފައިނަލްކޮށްފައި ނުވާ ކަމަށާއި، މިއީ ޓެންޑާ މަރުހަލާގައި ހުރިހާ ދާއިރާއެއް ކަވަރުކުރުމަށް ހިމަނާފައިވާ ކަމެއް ކަމަށް ފީފާގެ މަސްދަރުތަކުން ބުނެއެވެ. އެހެންކަމުން މިއީ މިކަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް ނޫން ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރީގެ ގޮތުން ފައިދާ ހޯދުން ކަމަށް ބެލެވެއެވެ. މި މެދުކެނޑުންތަކުގެ ސަބަބުން ބްރޯޑްކާސްޓަރުންނަށް އިޝްތިހާރު ވިއްކުމުގެ ބޮޑު ދޮރެއް ހުޅުވިގެންދިޔައެވެ. އެމެރިކާގައި މުބާރާތް އެކްސްކްލޫސިވްކޮށް ދެއްކި "ފޮކްސް" ކުންފުނިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އިޝްތިހާރުގެ އާމްދަނީ ވަނީ 640 މިލިއަން ޑޮލަރު (60 އިންސައްތަ) އިތުރުވެފައެވެ. މީޑިއާ ސޭލްސް އެނަލިސިސް ފާމެއް ކަމަށްވާ 'ގައިޑްލައިން' އިން ހާމަކުރި ގޮތުގައި، މުޅި މުބާރާތުން ފޮކްސްއަށް އިޝްތިހާރުގެ ގޮތުގައި 835 މިލިއަން ޑޮލަރު ލިބުނެވެ. މިއީ މުބާރާތް ދެއްކުމުގެ ހައްގު ހޯދުމަށް އެ ކުންފުނިން ފީފާއަށް ދެއްކި 485 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ.
2026 ގެ ކުރިން މިފަދަ "ކޫލިންގ ބްރޭކް" ތައް މަދުން ނޫނީ ނުފެނެއެވެ. ނަމަވެސް އެމެރިކާގައި ބޭއްވި 2025 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕުގައި ހޫނުމިން މަތިވުމުގެ ސަބަބުން 60 އިންސައްތަ މެޗުގައި މިފަދަ މެދުކެނޑުންތައް ގެންނަން ޖެހުނެވެ. އަދި އޭގެ ފަހުން 2026 ގެ ވޯލްޑް ކަޕުގައި، އެއާކޮންޑިޝަން ކޮށްފައިވާ ސްޓޭޑިއަމްތަކުގައި ކުޅުނު 31 މެޗު ހިމެނޭހެން، ހުރިހާ 104 މެޗެއްގައި ވެސް މި ބްރޭކްތައް ނެގުމަށް ފީފާއިން މަޖުބޫރުކުރިއެވެ. ފީފާއިން ބުނީ މިއީ މުބާރާތުގެ އިންސާފުވެރިކަން ދެމެހެއްޓުމަށް، ހުރިހާ މެޗެއް އެއް އުސޫލަކުން ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ފާއިތުވި މުބާރާތުގައި ފީފާއަށް މި އިޝްތިހާރުތަކުން ސީދާ ބޮޑު މާލީ ފައިދާއެއް ނުލިބުނު ނަމަވެސް، 2030 ވަނަ އަހަރުގެ މުބާރާތުގައި ޑްރިންކްސް ބްރޭކްތައް ހިމެނުމުގެ އުއްމީދާއެކު، ބްރޯޑްކާސްޓިން ހައްގުތަކުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާގައި އެކަނިވެސް މި ހައްގުތައް 1.5 ބިލިއަން އާއި 2 ބިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ލަފާކުރެވެއެވެ. މި ނީލަމުގައި ޓީވީ ޗެނަލްތަކުގެ އިތުރުން ނެޓްފްލިކްސް ފަދަ ސްޓްރީމިންގ ޕްލެޓްފޯމްތަކުން ވެސް ވާދަކުރާނެއެވެ.
މިފަދަ ނިންމުންތަކެއް 2030 ގެ ފިރިހެން މުބާރާތަށް ރޭވެމުންދިޔަ ނަމަވެސް، އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޯލްޑް ކަޕުގައި މަޖުބޫރު ޑްރިންކްސް ބްރޭކްތަކެއް ނޯންނާނެ ކަމަށް ވަނީ އެނގިފައެވެ. ސަބަބަކީ އެ މުބާރާތް ބާއްވާ ދުވަސްވަރު އެ ގައުމުގެ ފިނިހޫނުމިން ދަށްވާނެ ކަމަށް ބެލެވޭތީއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.