ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި ވިޔަފާރި ކުންފުންޏެއް އުފައްދައި، އޭގެ %20 އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާންކުރި ޕްލޭންގެ މަސައްކަތް ހުއްޓާލާފައިވާކަމަށް އިއުލާންކޮށްފިއެވެ. މިއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކެރިއަރުގައިވެސް އެންމެ ބޮޑު ނާކާމިޔާބީކަމަށް މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ވަރުގަދަ ދެކޮޅުވެރިކަމާއެކު އެ މަޝްރޫއު މިހާރު ވަނީ ހުއްޓާލާފައެވެ. ފީފާއިން ނެރުނު ބަޔާނެއްގައި، އިންފަންޓީނޯއާ ހަވާލާދީ ބުނެފައިވަނީ އެ ހުށަހެޅުން މިހާރު އެއްކޮށް ބާތިލުވެފައިވާ ކަމަށެވެ. މި ނިންމުމާއެކު، ފާއިތުވި ތިން ދުވަހު ފުޓްބޯޅަ ދުނިޔޭގައި އުފެދުނު ބޮޑު ހަމަނުޖެހުންތަކަށް ނިމުމެއް މިވަނީ އައިސްފައެވެ. މި މައްސަލަ އެންމެ ބޮޑަށް ހޫނުވީ، ފުޓްބޯޅައިގެ ހަ ބައްރުގެ ތެރެއިން އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ ފެޑެރޭޝަން ކަމަށްވާ ޔޫރަޕްގެ ޔޫއެފާއިން، މި ހުށަހެޅުން އަނބުރާ ނުގެންދަނީސް ފީފާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާނެ ކަމަށް ބުނެ ފީފާ ބޮއިކޮޓް ކުރުމުންނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ ފީފާގެ މެމްބަރު 211 ގައުމަށް އިތުރު ފައިސާ ހޯދުމަށް ކުރާ ކަމެއްކަމަށެވެ. ނަމަވެސް މިކަމާ ފީފާގެ މެންބަރު ހުރިހާ ޤައުމުތަކެއްކަހަލަގޮތަކަށް ވަނީ ދެކޮޅު ހަދާފައެވެ. އެ ފަރާތްތަކުން ބުނަނީ މިއީ ފުޓްބޯޅައިގެ ބައެއް ވިއްކާލުން ކަމަށާއި މީގެ ސަބަބުން ފުޓްބޯޅަ އަށް ތަފާތު ނުފޫޒު ވަދެ ފީފާގެ ބާރު ކެނޑޭނެ ކަމަށެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އިންފަންޓީނީގެ ޕްލޭންގެ އަޑީގައި ހުންނެވީ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕެވެ. މި ގޮތުން ފީފާއިން އުދައްފަން ނިންމާފައިވާ ވިޔަފާރި ކުންފުންޏަށް އިންވެސްޓް ކުރަން ނިންމާފައިވަނީ ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ އެމެރިކާގެ ވިޔަފާރިވެރިންނެވެ. އަދި މިއީ ފީފާގެ ރައީސް ކަމަށް ފަހު އިންފަންޓީނޯ އަށް ބޮޑު ވަޒީފާއަކާއި އާމްދަނީ ލިބެނެ ވަސީލަތެއް ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި ކަންތައްތައް ބަދަލުވެގެންދިޔަ ގޮތުން، އާންމުކޮށް އިންފަންޓީނޯއަށް ތާއީދުކުރާ ފެޑެރޭޝަންތަކުން ވެސް ވަނީ މިކަމުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ފުޓްބޯޅައިގެ އަސްލު ރޫހު ވިޔަފާރި އުސޫލުން ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު ވެސް އިންފަންޓީނޯއަށް އަމާޒުވިއެވެ.
ކުޅިވަރު މާކެޓިން ދިރާސާކުރާ ބޮބް ޑޯފްމަން ރޮއިޓާސްއަށް ބުނި ގޮތުގައި، މި މުއާމަލާތުގެ ތެރޭގައި ކުޝްނާގެ ނަން ހިމެނުމަކީ ކަންތައްތައް އިތުރަށް ގޯސްވި ސަބަބެކެވެ. ހާއްސަކޮށް ވޯލްޑް ކަޕްގެ ތެރޭގައި ބަލޮގަން އާއި ޓްރަމްޕާ ގުޅޭގޮތުން ހިނގި ކަންތައްތަކަށް ބަލާއިރު، ޓްރަމްޕްގެ އާއިލާގެ މީހަކު މިކަމުގައި ބައިވެރިވުމުން މައްސަލަ މާ ބޮޑަށް ގޯސްވެގެން ދިޔައެވެ.
މީގެ ދެ ހަފުތާ ކުރިން އިންފަންޓީނޯ ހުންނެވީ ދުނިޔޭގެ އެންމެ ކާމިޔާބު ކުޅިވަރު މުބާރާތް ހިންގަވާ، ވަރަށް ވަރުގަދަ މަގާމެއްގައެވެ. ނަމަވެސް އެންމެ ދެ ހަފުތާ ފަހުން މިއަދު އޭނާއަށް ޖެހިފައިވަނީ އޭނާގެ ސިޔާސީ މުސްތަގުބަލު ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާށެވެ.
ވޯލްޑް ކަޕް ފެށުމުގެ ކުރިން، އަންނަ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައި ހަތަރުވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވުމަކީ ކަށަވަރުވެފައި އޮތް ކަމެއްގެ ގޮތުގައި ބެލެވުނެވެ. އޭނާއާ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު އޭރު ފެންނާކަށް ނެތެވެ. ފީފާގެ މެމްބަރު 211 އެސޯސިއޭޝަންގެ ތެރެއިން 200 އެސޯސިއޭޝަންގެ ތާއީދު، ވޯލްޑް ކަޕްގެ ކުރިން އިންފަޓީނޯއަށް އޮތެވެ. އެހެންނަމަވެސް މިހާރު އެއަދަދު ވަރަށް ބޮޑު ބަދަލުވާނެއެވެ.
ނަމަވެސް މިހާރު އިންފަންޓީނޯއާ ވާދަކުރާނެ ކެންޑިޑޭޓުން ނިކުންނާނެކަމަށް ވަނީ ބެލެވިފައެވެ.









ކިޔުންތެރިންގެ ހިޔާލު