މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 57 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި އިނާމުތައް އެރުވުން އޮތީ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ 56 ބޭފުޅަކަށް އެރުވި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ދެއްވީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ. މިއީ ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏެއްގައި މެދުނުކެނޑި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށް، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަން ފާހަގަކުރެވިފައިވާ ބޭފުޅުންނަށް ދެއްވާ ޝަރަފުވެރި އިނާމެކެވެ. މި އިނާމު ލިބުނު ފަރާތްތައް ކަނޑައަޅާފައިވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު 57 ފަރާތަކަށް ވަނީ އަރުވާފައެވެ. މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލް ކަމުގައިވާ ލެވެލް 10 (ޕީއެޗްޑީ) ފުރިހަމަކުރައްވައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 6 ބޭފުޅަކު ހިމެނެއެވެ. މީގެއިތުރުން، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9 ގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅަކަށާއި، ބައިނަލްއަޤުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިންކުރުމަކުން އެންމެ މަތީ ވަނަ ހޯދި 1 ފަރާތަކަށް ވެސް ވަނީ އިނާމު ދެއްވާފައެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މީހުން ހޮވާފައިވަނީ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.