ރޭ ކުޅުނު އޭއެފްސީ ޗެމްޕިއަންސް ލީގު މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާއެކު އަލް ނަސްރުން 3-1 ގެ ނަތީޖާއަކުން އުޒްބެކިސްތާނުގެ ނެފެޗީ ފެރްގާނާ ބަލިކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުޅުނު މި މެޗު، ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ގިނަ ގަޑިއިރެއް ފަހުން ފަށާފައިވަނީ ސަލާމަތީ އިންޒާރަކާ ގުޅިގެންނެވެ. މެޗު ފެށުން ލަސްކުރަން ޖެހުނީ، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ މިސައިލް ހަމަލާއެއް ސައުދީ އަރަބިއްޔާއަށް އަމާޒުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އެ ގައުމުގެ ސިވިލް ޑިފެންސްއިން ވަނީ އިންޒާރު ދީފައެވެ.
މެޗުގެ 33 ވަނަ މިނިޓުގައި އެންޖެލޯ ޖަހައިދިން ލަނޑުން އަލް ނަސްރުން ލީޑު ނެގިއެވެ. އޭގެ ނުވަ މިނިޓު ފަހުން، މެޗުގެ 42 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި އަލް ނަސްރުގެ ލީޑު ފުޅާކޮށްފައެވެ. މިއީ އަލް ނަސްރުން ޖަހާދިން 134 ވަނަ ލަނޑެވެ. އަލް ނަސްރުން ދެ ލަނޑުގެ ލީޑެއް ނެގިތާ މާގިނައިރުތަކެއް ނުވެ ރެފްރީ ނެފެޗީއަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުނުތާ ހަވަނަ މިނިޓުގައި ނެފެޗީގެ އޮޑިލޯވް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކުރިއެވެ. ނެފެޗީއަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީ މެޗުގެ 65 ވަނަ މިނިޓުގައި އެ ޓީމުގެ އިކްރޯމްޖޮން އަލިބައޭވް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެހެންކަމުން ނެފެޗީއަށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުން ކުރިއަށް ގެންދަން ޖެހުނެވެ.
އަލް ނަސްރުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 78 ވަނަ މިނިޓުގައި ނެފެޗީގެ އަންވަރުޖޮން ގޮފުރޯވް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.











ކިޔުންތެރިންގެ ހިޔާލު