ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްގެ މައްޗަށް ބާސެލޯނާއިން 5-2 ގެ ނަތީޖާއަކުން ހޯދި ބޮޑު މޮޅާއެކު ވެސް، ޓީމުގެ ޑިފެންސަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ ބުނެފިއެވެ. ލަ ކާޓޫހާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ އޭނާ ބާސެލޯނާގެ ޖާޒީގައި ޖެހި ފުރަތަމަ ލަނޑު ފެނިގެންދިޔަ މެޗު ވެސް މެއެވެ.

މެޗަށްފަހު އުފާފާޅުކުރަމުން ރޮޑްރީ ބުނީ، މިއީ ލީގުގައި ކުޅެން އެންމެ އުނދަގޫ އެއް ދަނޑު ކަމަށާއި، ބެޓިސް އޮތީ ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި ޓީމު އެންމެ ބޮޑަށް ހާސްކަމުގެ ތެރޭގައި އޮތް ވަގުތު އޭނާ ޖެހި ލަނޑުގެ ސަބަބުން ހަމަޖެހުމެއް ލިބިގެންދިޔަ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެހެންނަމަވެސް، ޓީމުގެ އެޓޭކިން ވަރުގަދަ ނަމަވެސް ޑިފެންސްގައި މައްސަލަތަކެއް އެބަހުރި ކަމަށް އޭނާ އެއްބަސްވިއެވެ.

އިޝްތިހާރު އިޝްތިހާރު

"އަހަރެމެންގެ އެޓޭކިން ފެންވަރު ވަރަށް ރަނގަޅަށް އެބަފެނޭ. އެކަމަކު އަހަރެމެން ކޮޅަށް ވަރަށް ގިނައިން ލަނޑު އެބަވަދޭ. މިއީ އަހަރެމެން ކޮންމެހެން ވެސް ރަނގަޅުކުރަން ޖެހޭ ކަމެއް."

ކުރިއަށް އޮތް ބޮޑެތި މެޗުތަކަށް އިޝާރާތްކޮށް ރޮޑްރީ އިންޒާރު ދިނެވެ.

މި މެޗުގައި ބާސެލޯނާއަށް ލީޑު ނަގައިދިން ޒުވާން ތަރި ލަމީން ޔަމާލްގެ މޮޅު ކުޅުމަށް ވެސް ރޮޑްރީ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ރޮޑްރީ ބުނި ގޮތުގައި ޔަމާލްގެ ފަރާތުން މިފަދަ މޮޅު ކުޅުމެއް ފެނުމަކީ މިހާރު އާންމު ކަމެކެވެ. އަދި އޭނާގެ ހުނަރުގެ އިތުރުން ޓީމަށް ކޮށްދޭ މަސައްކަތާއި އެހެން ކުޅުންތެރިންނަށް އެއްބާރުލުން ދޭ މިންވަރު އޭނާ ފާހަގަކުރިއެވެ.

ކުރިއަށް އޮތް ހަފުތާގައި ބާސެލޯނާއަށް އޮތީ ވަރަށް ވަރުގަދަ ދެ ކުރިމަތިލުމެކެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅޭ މެޗާއި، ލީގުގައި އެންމެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ "އެލް ކްލެސިކޯ" މެޗެވެ.

މި މެޗުތަކާ ގުޅޭގޮތުން ރޮޑްރީ ބުނީ، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ހޯލްޑަރުންނާއި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެ، ބޮޑު ހިތްވަރަކާއެކު ކަމަށެވެ. އަދި ޓީމަށް އެންމެ ފުރިހަމަ ކާމިޔާބީ ހޯދައިދިނުމަށް އޭނާގެ ފަރާތުން އެންމެ މަތީ ފެންވަރުގެ ކުޅުމެއް ދައްކަން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.