ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބު ބާސެލޯނާގެ މަޝްހޫރު 'ލަ މަސިއާ' އެކެޑަމީން ފެނިގެންދިޔަ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ބްރަޔަން ފަރީނަސްގެ އެއްބަސްވުން، 2031 ވަނަ އަހަރުގެ ނިޔަލަށް ދިގުދައްމާލުމަށް އެ ކްލަބުން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
ސްޕެއިންގެ ކުޅިވަރު ނޫހެއް ކަމަށްވާ 'ސްޕޯޓް' އިން 'ރޭޑިއޯ މާކާ' އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯ އާއި ފަރީނަސްގެ އެޖެންޓުންނާ ދެމެދު ފާއިތުވި ހަފުތާތަކުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، މިހާރު ވަނީ އައު އެއްބަސްވުމަކާ ހަމައަށް ދިއުމަށް މައިގަނޑު ގޮތެއްގައި އެއްބަސްވެވިފައެވެ. މިހާރު އޮތް އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރަށް ހަމަވާން އޮތް ނަމަވެސް، ކުއްލި ބަދަލެއް ނާންނަ ނަމަ މި އައު އެއްބަސްވުމުގެ ދަށުން އޭނާ 2031 ވަނަ އަހަރާ ހަމައަށް އެ ކްލަބުގައި މަޑުކުރާނެއެވެ.
ފަރީނަސްގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ބާސެލޯނާއިން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު، އޭނާ ސީނިއާ ޓީމަށް ނަގައި ސްކޮޑުން ޖާގަ ދިނުމަށް ނިންމި ހިސާބުންނެވެ. އަދި އޮކްޓޫބަރު މަހުގެ ފަހުކޮޅު ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އޭނާ ކުޅުނު ފުރަތަމަ ރަސްމީ މެޗަށްފަހު، މި ވާހަކަތައް އިތުރަށް ހަލުވިވެގެން ދިޔައެވެ. ފަރީނަސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކޯޗިން ސްޓާފުންގެ އިތުބާރު އޭނާއަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.
ބާސެލޯނާއިން މި އެއްބަސްވުން އަވަސްކުރަން ބޭނުންވި މައިގަނޑު ސަބަބަކީ، އޭނާގެ މިހާރުގެ ކޮންޓްރެކްޓްގައިވާ ރިލީޒް ކްލޯޒް އެންމެ 15 މިލިއަން ޔޫރޯގައި އޮތުމެވެ. ސީނިއާ ޓީމުން މުހިންމު ޖާގައެއް ހޯދަމުން އަންނަ މުހިންމު ކުޅުންތެރިއަކަށް މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދަކަށް ވާތީ، އެހެން ކްލަބުތަކުގެ ޝައުގުވެރިކަމުން އޭނާ ސަލާމަތްކުރުމަށްޓަކައި މާލީ އިނާޔަތްތައް ބޮޑުކޮށް، ކްލަބުގެ ހިމާޔަތް ވަރުގަދަކުރުމަކީ ބާސެލޯނާއަށް ކޮންމެހެން މުހިންމު ކަމެކެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި މިހާރު ހަމަޖައްސަން ޖެހިފައިވަނީ ވަރަށް ކުދިކުދި ބައެއް ކަންކަމެވެ. އެއް އަހަރު މަދުކޮށް އެއްބަސްވުން ހަދަން ކުރިން ވިސްނި ނަމަވެސް، މިހާރު ނިންމާފައިވަނީ ސީދާ 2031 ގެ ނިޔަލަށެވެ.
މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު، ކުޅުންތެރިޔާ އާއި ކްލަބާ ދެމެދު އަލުން ވާހަކަތައް ފަށައި، ވަރަށް އަވަހަށް ރަސްމީކޮށް މި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ދެފަރާތުންވެސް އުއްމީދުކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.