ސޯޝަލް މީޑިއާގައި ދައުރުވި މަޖާ "މީމް"އަކާ ގުޅިގެން ކީލިއަން އެމްބާޕޭ ބުނެލި ކުޑަކުޑަ ޖުމުލައެއްގެ ސަބަބުން، އޭނާގެ އިތުރުން ރެއާލް މެޑްރިޑާއި ސްޕެނިޝް ލަލީގާ މިވަނީ ބޮޑު ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ. ވީޑިއޯ ކްލިޕެއްގައި ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ "ޑިކްޓޭޓަރެއް" ނުވަތަ ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައި އެމްބާޕޭ ނުސީދާކޮށް ސިފަކުރުމުން، އެކަން ވަނީ ބައިނަލްއަޤްވާމީ ބޮޑު މައްސަލައަކަށް ބަދަލުވެފައެވެ. ބޭރުފުށުން ބަލާއިރު މިއީ އާދައިގެ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ޗައިނާއިން ދައްކަމުންދާ ހަރުކަށި ރައްދާއި، ސްޕެއިނުން މިކަން ފިނިކުރަން ކުރާ މަސައްކަތްތަކުން ދައްކުވައިދެނީ މި ތޫފާނަކީ ފަސޭހައިން މައިތިރިވާނެ ކަމެއް ނޫން ކަމާއި، މީގެ ސަބަބުން ސްޕެއިން ފުޓުބޯޅައަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެވެ.

މީމްގެ ބާރު: މަޖަލަކުން ފެށިގެން ހޫނު ފެނަށް

އެމްބާޕޭގެ ސިފަތަކާއި ޢަމަލުތައް ހުންނަ ގޮތުން އޭނާއަކީ "ޑިކްޓޭޓަރެއް" ފަދަ މީހެއް ކަމަށް ބުނެ އިންޓަނެޓުގައި ޖޯކު ޖެހުމަކީ އާންމު ކަމެކެވެ. މާއޯ ޒެޑޮންގް އަދި ޖޯސެފް ސްޓާލިން ފަދަ ލީޑަރުންގެ ފޮޓޯތަކަށް އެމްބާޕޭގެ މޫނު އަޅުވައިގެންނާއި، އަސްކަރީ ޔުނީފޯމުގައި އޭނާ ހުންނަ އޭއައި ފޮޓޯތައް ދާދިފަހުން އިންޓަނެޓުގައި އާންމުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމުގައިވެސް މި މީމްތަކަށް ވަރަށް ގިނައިން ޖޯކަކަށް ބޭނުންކޮށް އުޅޭކަމަށް ކީޕަރު ތިބޯ ކޯޓުއާ އެއްބަސްވެފައިވާއިރު، ވޯލްޑް ކަޕް ތެރޭގައި ފްރާންސްގެ ޓީމު ކުޅުންތެރިން އެމްބާޕޭއަށް ކޮންގޯގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ މޮބޫޓޫ ސެސެ ސެކޯއަށް ނިސްބަތްކޮށް "މޮބޫޓް" ގެ ނަމުން ގޮވާ އުޅުނުކަންވެސް ވަނީ ހާމަވެފައެވެ.

މި މީމްތަކަކީ އެމްބާޕޭއަށްވެސް މަޖާ ކަމެކެވެ. ނަމަވެސް އޭނާ ހޫނު ފެނަށް ވެއްޓުނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ފްރެންޗް ޕޮޑްކާސްޓެއް ކަމަށްވާ 'ދަ ބްރިޖް' ގައި ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެންމެ މަޖާ މީމަކީ ކޮބައިތޯ އެހުމުން އެމްބާޕޭ ބުނީ:

އެމީހުން ހެދި ވީޑިއޯއެއް... އަހަރެން ހީކުރަނީ އެއީ ޗައިނާގެ ޑިކްޓޭޓަރެއްހެން، އެމީހުން އަހަރެންގެ...

އޭނާގެ މޫނަށް އިޝާރާތް ކުރަމުން، މާއޯގެ ހަށިގަނޑަށް އެމްބާޕޭގެ މޫނު އަޅުވާފައިވާ ފޮޓޯއެއް ސްކްރީނުން ދައްކާލުމުން، ހިނިތުންވެލަމުން އޭނާ ބުންޏެވެ.

"ރައްޓެހިންނާއެކު އަހަރެން ވަރަށް ގިނައިން އެ ބޭނުންކުރަން.

އެމްބާޕޭ ސީދާ މާއޯގެ ނަން ނުގަތް ނަމަވެސް، ޗައިނާއިން ދިން ރައްދު އައީ ކުއްލިއަކަށް އަދި ވަރަށް ހަރުކަށިކޮށެވެ.

ޗައިނާގެ ވަރުގަދަ އަދި ސީރިއަސް ރައްދު

މި ވީޑިއޯ ސޯޝަލް މީޑިއާގައި އަލުން ފެންމަތިވުމާއެކު، ޗައިނާ ސަރުކާރުގެ އެންމެ މަތީ ފަންތިން ވަރުގަދަ ބަޔާންތަކެއް ނެރުނެވެ. ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ، ޗައިނާގެ ރައްޔިތުންގެ އިހުސާސްތަކަށް އަނިޔާވާ ފަދަ ބަސްތަކާއި އަމަލުތަކަށް އެ ގައުމުގެ އެންމެހައި މުޖުތަމައުތަކުން އެއްބަސްވެ ބޮޑުކޮށް އިންކާރުކޮށް ދެކޮޅުހަދާނެ ކަމަށެވެ. އަދި ޗައިނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ އެމްބާޕޭ މައާފަށް އެދުމަށް ގޮވާލައި، ބައިނަލްއަޤްވާމީ މަޝްހޫރު އެތުލީޓުން އަޚުލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ވިޔަފާރީގެ ގޮތުން ވަގުތުން ފިޔަވަޅުތައް އަޅަން ފެށިއެވެ. ޗައިނާގެ ބޮޑެތި ސްޕޮންސަރުން ކަމަށްވާ މެންގްނިއު (ކިރުގެ އުފެއްދުންތައް އުފައްދާ ކުންފުނި)، ޑޮންގްޕެންގް (ބުއިންތައް އުފައްދާ ކުންފުނި)، އަދި މިލްކްގްރައުންޑުން ވަނީ ވަގުތުން އެމްބާޕޭއާއެކު ހަދާފައިވާ ސްޕޮންސަރޝިޕް އެއްބަސްވުންތައް އުވާލާފައެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ ޗެނަލް، ސީސީޓީވީން ވަނީ އެމްބާޕޭ ކުޅޭ މެޗުތަކާއި އިޝްތިހާރުތައް ދެއްކުން މެދުކަނޑާލައިފައެވެ. އަދި މި ހަފުތާ ބަންދުގައި ކުޅޭ ރެއާލް މެޑްރިޑާއި ރޭސިން ސެންޓެންޑާ ބައްދަލުކުރާ މެޗު، ދައުލަތުން ހިންގާ ޑިޖިޓަލް ޕްލެޓްފޯމް 'މިގޫ' އިން ނުދައްކަން ވަނީ ނިންމާފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވެއިބޯ، ރެޑްނޯޓް އަދި ޝިއާއޯހޮންގްޝޫގައި އެމްބާޕޭގެ އެކައުންޓް ފްރީޒްކޮށްފައިވާއިރު، ޑިއޯ އަދި ހަބްލޮޓް ފަދަ ބައިނަލްއަޤްވާމީ ބްރޭންޑުތަކަށްވެސް ވަނީ އެމްބާޕޭ ހިމެނޭ ކޮންޓެންޓް އެ ޕްލެޓްފޯމްތަކުން ނަގަން މަޖުބޫރުވެފައެވެ.

މާއޯގެ ތާރީޚު: ޗައިނާއަށް ބޮޑު ރަތް ރޮނގެއް

ޗައިނާގެ ބޭރުގެ ދުނިޔެއަށް މާއޯ ޒެޑޮންގަކީ އަނިޔާވެރި ޑިކްޓޭޓަރެކެވެ. 1949 ން ފެށިގެން 1976 ގައި މަރުވަންދެން އޭނާ ކުރި ވެރިކަމުގައި، 'ގްރޭޓް ލީޕް ފޯވާޑް' ސިޔާސަތުގެ ސަބަބުން ކުރިމަތިވި ބޮޑު ބަނޑުހައިހޫނުކަމުގައި 55 މިލިއަނެއްހާ މީހުން މަރުވި ކަމަށް ލަފާކުރެވެއެވެ. ސިޔާސީ ވާދަވެރިން ނައްތާލުމާއި، ޖަލުތަކުގައި މަސައްކަތް ކުރުވުމާއި، ގިނަ އަދަދެއްގެ މީހުން މެރުމަކީ އޭނާގެ ވެރިކަމުގެ ބައެއްކަމަށްވެއެވެ.

ނަމަވެސް ޗައިނާގެ އެތެރޭގައި އޭނާގެ ތަސައްވުރު ވަރަށް ތަފާތެވެ. ޤައުމު އެއްބައިވަންތަކޮށް، ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، އަންހެނުންގެ ޙައްޤުތަކާއި ތަޢުލީމު ކުރިއަރުވައި، މިއަދުގެ ސުޕަޕަވަރަކަށް ޗައިނާ ހެދުމުގެ ބިންގާ އެޅީ މާއޯ ކަމަށް އެގައުމުގައި ދެކެއެވެ. ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ބުނަނީ މާއޯއަކީ "70 އިންސައްތަ ރަނގަޅު، 30 އިންސައްތަ ގޯސް" ލީޑަރެއް ކަމަށެވެ. އެހެންކަމުން، ގައުމުގެ ބާނީއަށް ކުޑައިމީސް ކުރުމަކީ ޗައިނާގެ ސަގާފަތުގައި އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫނެވެ.

ސްޕެއިނުން މާފަށް އެދުން: ގެއްލުން ކުޑަކުރުމުގެ މަސައްކަތް

ފައިސާގެ ބޮޑެތި ގެއްލުންތަކަކުން ސަލާމަތްވުމަށްޓަކައި، އެމްބާޕޭ އާއި ރެއާލް މެޑްރިޑް އަދި ލަލީގާއިން ވަނީ އަވަސްއަވަހަށް މަޢާފަށް އެދި ބަޔާންތައް ނެރެން ފަށައިފައެވެ.

އެމްބާޕޭގެ ބަޔާނުގައި ބުނެފައިވަނީ އޭނާގެ ވާހަކަ ދެކެވުނީ ވިސްނާނުލައި ކަމަށާއި، ޗައިނާގެ ރައްޔިތުންނަށް ދެރައެއް ދިނުމަކީ އޭނާގެ މަޤްޞަދެއް ނޫން ކަމަށެވެ. އަދި ޗައިނާގެ ތާރީޚަށް ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށް ބުނެ އިޚްލާޞްތެރިކަމާއެކު މާފަށް އެދުނެވެ.

ރެއާލް މެޑްރިޑުންވެސް ވަނީ އެ ކްލަބުން ޗައިނާގެ ރައްޔިތުންނާއި ސަގާފަތަށް ކުރާ އިޙްތިރާމް ފާހަގަކޮށް މާފަށް އެދިފައެވެ. މިއީ ފަހަކަށް އައިސް ރެއާލުން ޗައިނާގެ ނުރުހުން އަމާޒުވި ދެވަނަ ފަހަރެވެ.

ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ މި މައްސަލަ ހައްލުކުރުމަށް ކާރިސާ ކޮމިޓީއެއް ހަދައި، ސްޕެއިންގައި ހުންނަވާ ޗައިނާގެ ސަފީރު ޔާއޯ ޖިންގްއާ ބައްދަލުކުރައްވާފައެވެ. އަދި އަމިއްލަ ހައިސިއްޔަތުންނާއި ލަލީގާގެ ފަރާތުން މަޢާފަށް އެދިވަޑައިގެން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޓެބާސް ވަނީ މި މައްސަލަ ފިނިކުރުމަށްޓަކައި ޗައިނާއަށް ދަތުރުކުރުމަށްވެސް ވިސްނަވާފައެވެ.

ސީރިއަސް އަސަރުތަކާއި މާލީ ބޮޑު ނުރައްކާ

މި ހުރިހާ ގޮތަކުން މަޢާފަށް އެދުމަކުންވެސް ޗައިނާގެ ރުޅިވެރިކަން މައިތިރިވި ކަމަކަށް ނުފެނެއެވެ.

ޗައިނާ މީޑިއާ ގްރޫޕުން ވަނީ އެމްބާޕޭ އާއި ރެއާލް މެޑްރިޑްގެ އުޒުރުތައް ބަލައިނުގަންނަކަން ހާމަކޮށްފައެވެ. އަދި އެމްބާޕޭ ކުޅޭ މެޗުތައް ބޮއިކޮޓްކުރުން ދަމަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ. ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި ޗައިނާގެ ގިނަ ސަޕޯޓަރުން ދަނީ އެމްބާޕޭގެ ޖާޒީތައް އަންދައި، އޭނާގެ އިޝްތިހާރު ބޯޑުތައް ހަލާކުކުރަމުންނެވެ.

މި މައްސަލައިގެ ސަބަބުން ކުރިމަތިވެދާނެ މާލީ ގެއްލުން އިންތިހާއަށް ބޮޑެވެ. ލަލީގާގެ ބްރޯޑްކާސްޓިން ރައިޓްސްއިން ލިބޭ 1.58 ބިލިއަން ޔޫރޯގެ ތެރެއިން 40 އިންސައްތައަކީ ބައިނަލްއަޤްވާމީ މާކެޓުން ލިބޭ އާމްދަނީއެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް ހިއްސާއެއް ކަނޑައެޅެނީ ޗައިނާގެ މާކެޓަށެވެ. އަނެއްކޮޅުން ރެއާލް މެޑްރިޑްގެ އޮފިޝަލް މާޗަންޑައިޒް ވިކިގެން ބައިނަލްއަޤްވާމީ ގޮތުން ލިބޭ އާމްދަނީގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރެއް ހިއްސާކުރަނީ ޗައިނާއިންނެވެ. ޗައިނާގައި އެންމެ ގިނައިން ވިކެނީވެސް އެމްބާޕޭގެ ޖާޒީއެވެ.

މީގެ އިތުރުން އެމްބާޕޭ އަމިއްލައަށް އިޝްތިހާރުތަކުން ހޯދާ 30 މިލިއަން ޑޮލަރުގެ އާމްދަނީއަށާއި، އޭނާއަށް ބޫޓު ފޯރުކޮށްދޭ ކުންފުނި 'އޮން' ގެ ހިއްސާގެ އަގަށްވެސް ވަނީ މީގެ ނޭދެވޭ އަސަރުކޮށްފައެވެ.

މި ހުރިހާ ކަމަކުން ދައްކުވައިދެނީ، ކުޅިވަރުގެ ތަރިންނާއި ބޮޑެތި ކްލަބުތަކަށް ޗައިނާ ފަދަ އިޤްތިޞާދީ ގޮތުން ވަރުގަދަ މާކެޓުތަކާ މުއާމަލާތުކުރުމުގައި، ސަގާފީ އަދި ސިޔާސީ ނާޒުކު ކަންކަމަށް ފަރުވާތެރިވުމަކީ ކިހާ މުހިންމު ކަމެއް ކަމެވެ. މި މައްސަލައަކީ އަދި މައިތިރިވާނޭ ކަމެއް ނޫން ކަމަށް ބެލެވޭއިރު، މީގެ ސަބަބުން ސްޕެއިން ފުޓުބޯޅައަށް ކުރިމަތިވާނެ މާލީ ލޮޅުން ވަރަށް ބޮޑުވާނެއެވެ.