އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢިރުތިޝާމް ޢާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫޢު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ޢަބްދުالله ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޢިރުތިޝާމް ޢާދަމް ވިދާޅުވީ، މިއީ ރަށްރަށުގެ މުޖުތަމަޢުތަކަށް ފިޓްނަސް އަދި ރެކްރިއޭޝަން ވަސީލަތްތައް ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކާއި ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އަދި މިއަހަރުގެ ޖުލައި މަހު 42 ރަށެއްގައި މިފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން މިހާރުވެސް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އިއްޔެ ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން އިތުރު ތިން ރަށަކަށް މި އެހީތެރިކަން ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާއާއެކު އޮންނަ އެއްބާރުލުމަކީ ޤައުމު އިސްކަންދޭ ކަންކަން ޙަޤީޤަތަކަށް ހަދައި، ރައްޔިތުންނަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ލިބޭ މުހިންމު ފުރުޞަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ރާފިޢު ދެއްކެވި ވާހަކަފުޅުގައި، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ހުރިހާ ޢުމުރެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިވެ، މުޖުތަމަޢުގެ ޢާންމު ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.