އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހިރާއްޖެއަށް ދޫކުރާ 48.50 ބިލިއަން އިންޑިއަން ރުޕީސް (506.58 މިލިއަން އެމެރިކާ ޑޮލަރު) ނުވަތަ ގާތްގަނޑަކަށް 7.7 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިނަށް އަމަލުކުރަން ފަށާފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން އިއުލާނުކޮށްފިއެވެ.
މި ފެސިލިޓީގެ ދަށުން ރާއްޖޭގައި ހިންގާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކަށް ފައިސާ ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ. މި ކްރެޑިޓް ލައިންގެ ދަށުން ފައިސާ ދޫކުރާނީ މަދުވެގެން 5 ބިލިއަން ރުޕީސްގެ އަގުހުރި ވަކިވަކި މަޝްރޫއުތަކަށެވެ.
އާރްބީއައިއިން ނެރުނު ސާކިއުލާގައިވާ ގޮތުން މި އެއްބަސްވުމުގެ ދަށުން ފައިސާ ހަމަޖައްސާ ކޮންޓްރެކްޓްތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތަކާއި، ހިދުމަތްތަކުގެ އަގުގެ މަދުވެގެން 75 އިންސައްތަ ފޯރުކޮށްދޭން ޖެހޭނީ އިންޑިއާގެ ވިޔަފާރިވެރިންނެވެ. ބާކީ 25 އިންސައްތަ އިންޑިއާއިން ބޭރުން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޝަރުތުގެ ސަބަބުން އިންޑިއާގެ މުދަލާއި ހިދުމަތްތަކަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކްސްޕޯޓުކުރުމުގައި އޭޖެންސީ ކޮމިޝަން ދިނުމަށް މި ކްރެޑިޓް ލައިންގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އާރްބީއައި އިން ވަނީ އަންގާފައެވެ. ނަމަވެސް އެކްސްޕޯޓަރުންނަށް އެ މީހުންގެ އަމިއްލަ ފައިސާއިން ނުވަތަ އެކްސްޗޭންޖް އާނާސް ފޮރިން ކަރަންސީ އެކައުންޓްގައި ހުރި ފައިސާއިން އެފަދަ ކޮމިޝަންތައް ދެވިދާނެއެވެ.
އާރްބީއައިގެ ސާކިއުލާގައިވާ ގޮތުން މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ކޮންޓްރެކްޓް ނިމޭނެ ކަމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 48 މަސްދުވަހުގެ ނިޔަލަށެވެ. މި މުއާމަލާތްތަކުގައި ބޭނުންކުރާ އެކްސްޗޭންޖް ރޭޓަކީ 1 ޑޮލަރަށް 95.7400 އިންޑިއާ ރުޕީސްއެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަށްޓަކައި އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) މެދުވެރިކޮށް ރާއްޖެއަށް ކްރެޑިޓް ލައިނެއް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ 25 ޖުލައި 2025 ގައެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ސޮއިކުރި ކްރެޑިޓް ލައިނެކެވެ.
ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން މިހާރު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފަހު 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ވަނީ ދައްކައި ނިންމާފައެވެ.










ކިޔުންތެރިންގެ ހިޔާލު