ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ހަދިޔާކުރި 1,200 ގަސް ދިވެހި ސަރުކާރާ އިއްޔެ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ގަސްތަކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ފުރާނަހުރި ގަސްގަހާގެހި އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ގައުމީ ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.

މި ގަސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހުޅުމާލޭގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިޝްތިހާރު އިޝްތިހާރު

މި ރަސްމިއްޔާތުގެ ތެރެއިން ޚާއްޞަ ގަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ނުހަނު މުހިންމު ޤައުމީ އިސްނެގުމެއް ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް އިތުރުވެ، ހިޔާލިބި، ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު މި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިރުތިޝާމް ވިދާޅުވި ގޮތުގައި މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި، ރާއްޖޭގެ އިސްކަންދޭ ގައުމީ މަސައްކަތްތަކުގައި އިންޑިއާއިން ދެމުންގެންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ތިމާވެށީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.