އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ހޯދުމަށް ގަވާއިދާ ޚިލާފަށް މަސައްކަތްކުރި މައްސަލައިގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބާސެލޯނާ 602 ޔޫރޯ (670 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ.

މި މައްސަލަ ފެންމަތިވީ، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެތުލެޓިކޯއާއެކު ކޮންޓްރެކްޓްގައި ހުރި އާޖެންޓީނާގެ ފޯވާޑް އަލްވަރޭޒްއާ އެ ކްލަބަށް ލިޔުމުން އެންގުމަކާ ނުލައި ބާސެލޯނާއިން ވާހަކަދައްކާފައިވާ ކަމަށް ބުނެ އެތުލެޓިކޯއިން ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ. ސްޕެއިންގެ އެފްއޭއިން ބާސެލޯނާއަށް މި އަދަބު ދީފައިވަނީ އެ ފެޑެރޭޝަންގެ ގަވާއިދުގެ 133 ވަނަ މާއްދާގެ ދަށުންނެވެ. އެތުލެޓިކޯއިން މި މައްސަލަ ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އަށް ވެސް ހުށަހެޅި ނަމަވެސް، ފީފާއިން ވަނީ އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ އިދާރާއަށް ލިބިގެން ނުވާ ކަމަށް ނިންމާފައެވެ.

މި މައްސަލައިގެ ތެރެއިން އަލްވަރޭޒްއަށް ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ހޮނިހިރު ދުވަހު ޑިޕޯޓިވޯ ލަކަރޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑު ޖަހައި އެތުލެޓިކޯ މޮޅުކޮށްދީފައެވެ. މި މޮޅާއެކު އެތުލެޓިކޯ ވަނީ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ.

އިޝްތިހާރު އިޝްތިހާރު

މެޗަށްފަހު ވާހަކަދައްކަމުން އަލްވަރޭޒް ވަނީ ބާސެލޯނާއަށް ބަދަލުވާން ބޭނުންވި ކަމަށް ބުނެ ކުރިން ދެއްކި ވާހަކަތަކަށް ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިފައެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި އޭނާ ދިން އިންޓަވިއުއެއްގައި ބާސެލޯނާއަށް ކުޅުމަކީ ދެކޭ ހުވަފެނެއް ކަމަށް ބުނުމުން، އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ އޭނާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

އެއީ ހެދުނު ގޯހެއް. ސަޕޯޓަރުން ރުޅިއައި ސަބަބު އަހަންނަށް ވިސްނޭ. އަހަރެން ސަޕޯޓަރަކަށް ވިޔަސް ރުޅިއަންނާނެ، ޚާއްޞަކޮށް އަހަރެން މި ޓީމާ ގުޅުނީއްސުރެ ސަޕޯޓަރުން ދިން އެއްބާރުލުމަށް ބަލާއިރު.

އަލްވަރޭޒް ބުންޏެވެ.

މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުގައި ސަޕޯޓަރުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ނަމަވެސް، ހޮނިހިރު ދުވަހު ޖެހި ލަނޑަށްފަހު ދަނޑުގެ ބޮޑުބައެއްގެ ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް އަތްޖަހައި ހިތްވަރުދީފައެވެ. މިއީ ސަޕޯޓަރުންނާއި އޭނާއާ ދެމެދު އޮތް ގުޅުން އަލުން ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެކެވެ.

ޒުވާން ފޯވާޑް އަލްވަރޭޒް އެތުލެޓިކޯއާ ގުޅުނީ 2024 ވަނަ އަހަރު މެންޗެސްޓަރ ސިޓީން 95 މިލިއަން ޔޫރޯ (111 މިލިއަން ޑޮލަރު) ގެ އަގަކަށެވެ. ސިޓީއަށް ކުޅެދިން 103 މެޗުގައި 36 ލަނޑު ޖެހި އަލްވަރޭޒް ވަނީ މިހާތަނަށް އެތުލެޓިކޯއަށް ކުޅެދިން 115 މެޗުން 51 ލަނޑު ކާމިޔާބުކޮށްދީފައެވެ.