ރަސްމާލެ މަޝްރޫޢު ފަދަ ބޭރުގެ މަޝްރޫޢުތަކުގެ ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ނެރުނު އިލްތިމާސެއްގައި ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

މި އިލްތިމާސް ސަރުކާރަށް ކޮށްފައިވަނީ ރަސްމާލެ މަޝްރޫޢާމެދު ޢާންމުންގެ މެދުގައި ކަންބޮޑުވުންތައް ހުރުމުން، އެ މަޝްރޫޢު ދިރާސާކުރަމުންދާކަން ފާއިތުވި ސެޕްޓެމްބަރު 28 ގައި އެ ޖަމްޢިއްޔާއިން އިޢުލާންކުރިތާ 1 މަސްދުވަސް ފަހުންނެވެ. ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުންތަކުން، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޫކުރަން ރޭވިފައިވާކަން އެނގިފައިވާކަމަށް ސަލަފުން ބުނެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރި 8 ނުކުތާގެ ތެރޭގައި އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމާއި ދައުލަތުގެ އިސްތިރާޖީ މިނިވަންކަން ދެމެހެއްޓުން ހިމެނެއެވެ. އަދި އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި ދިވެހިރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒުހިފުންވެސް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން ދެފުށްފެންނަ، ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުމާއި ހުޅުވާލެވިފައިވާ އިޤްތިޞާދަކާއި ޤައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުން އެ ޖަމްޢިއްޔާއިން ފާހަގަކުރިއެވެ. އަދި ދާއިމީ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުމާއި މަޝްރޫޢުގެ އިޖުތިމާޢީ އަސަރުތައް ވަޒަންކުރުމަށްވެސް ސަރުކާރަށް އިލްތިމާސްކޮށްފައިވެއެވެ.

ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ، ޒަޔަނިސްޓް އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ "އިޒްރޭލު"ގެ ރައްޔިތަކަށް މިފަދަ މަޝްރޫޢުތަކުން ފުރުޞަތު ނުދިނުމަށް އެ ޖަމްޢިއްޔާއިން ގޮވާލާފައިވެއެވެ. އަދި އެއްބަސްވުންތައް ދެފުށްފެންނަ ގޮތަށް ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު އިސްލާމީ މިންގަނޑުތަކަށް ބޯލަނބާކަން މޮނިޓަރކުރުމަށްވެސް ވަނީ އެދިފައެވެ.

ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރި ގޮތުގައި ރަސްމާލެ މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަޤީންވެގެންދާނީ މަޝްރޫޢުގެ އެއްބަސްވުން އެކުލަވާލެވި، ކަމާބެހޭ ޤާނޫނު ވުޖޫދަށް އައުމުންނެވެ.