އެމެރިކާގައި ކުރިއަށްދާ މިޑްޓާމް އިންތިޚާބުގައި ބައެއް ސްޓޭޓްތަކުގައި ވޯޓުލުން ނިމި، ވޯޓު ގުނައި އަދި ބައެއް ސްޓޭޓްތަކުގެ ނަތީޖާ މީޑިއާ ވަސީލަތްތަކުން ހާމަކުރަން ފަށައިފިއެވެ.
މީޑިއާ ވަސީލަތްތަކުން ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށިއިރު، ވޯޓުލައި ނިމުނީ މަދު ސްޓޭޓެއްގައެވެ.
ގިނަ ސްޓޭޓްތަކުގައި ވޯޓުލުން އަދި ކުރިއަށްދަނީއެވެ.
ބައެއް ސްޓޭޓްތަކުގައި ވޯޓުލާން ބޭނުންކުރާ މެޝިންގައި މައްސަލަޖެހި ވޯޓުލުން ވަނީ ހުއްޓިފައެވެ. ކަމާބެހޭ ޓީމުތަކުން މެޝިންތައް ޗެކް ކުރަމުން ދާއިރު، "އިމަޖެންސީ ބޭގަށް" ވޯޓުލައިގެން އާންމުން އިންތިޒާރުގައި އެބަ ތިއްބެވެ.
ބައެއް ހިސާބުތަކުން ވޯޓު ކަރުދާސް ހުސްވެގެން އެކަމުގެ ޝަކުވާވެސް ކުރަމުން އެބަ ގެންދެއެވެ.
އެމެރިކާގެ އެފްބީއައި އިން ބައެއް ވޯޓު ބޫތުތައް ރެއިޑްކުރި ކަމުގެ ރިޕޯޓްތަކާއި، ވޯޓުކަރުދާސް ގެންދިޔަކަމުގެ ރިޕޯޓްތަކާއި، އައިސް އޭޖެންޓުން ފާރަލާތީ ގަވަރުނަރުން އިންޒާރު ދިނުމުގެ ކަންކަންވެސް ހިނގާފައި ވެއެވެ.
އެމެރިކާގައި ކުރިއަށްދާ މިޑްޓާމް އިންތިޚާބަކީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ 435 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމާއި، ސެނޭޓްގައި ހިމެނޭ 100 ގޮނޑީގެ ތެރެއިން ދައުރު ހަމަވާ 35 ގޮނޑިއަށް މެމްބަރުން އިންތިޚާބެވެ. މީގެ އިތުރުން، ސްޓޭޓްތަކަށް ގަވަރުނަރުން އިންތިޚާބުކުރުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ވޯޓުގެކުރިން އެމެރިކާގައި ނެގުނު ހުރިހާ ޚިޔާލު ހޯދުންތަކުންވެސް ދައްކާފައިވަނީ ބޮޑު ތަފާތަކުން ހައުސްގެ ކޮންޓްރޯލް ނަގާނީ އިދިކޮޅު ޑިމޮކްރޭޓުން ކަމަށެވެ. އަދި ފަރަގު ކުޑަކޮށްވިޔަސް ސެނޭޓުގެ ކޮންޓްރޯލްވެސް ނަގާނީ ޑިމޮކްރޭޓުން ކަމަށެވެ.
މިހާތަނަށް މީޑިއާއިން ހާމަކުރި ވަގުތީ ނަތީޖާއިން ހައުސްގެ 9 ގޮނޑި، ކުރިންވެސް ފުރުއްވަމުން ގެންދެވި މެމްބަރުން ދިފާއު ކުރައްވާފައި ވާއިރު، އެއް މެމްބަރަކު ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
ޑިމޮކްރޭޓުންނަށް ކަށަވަރުވި ސެނޭޓުގެ ފުރަތަމަ ގޮނޑިއަކީ ޖޯޖިއާގެ ގޮނޑިއެވެ. އެ ގޮނޑި މިހާރުވެސް ފުރުއްވާ ޖޮން އޮސޯފްވަނީ ދިފާއު ކުރައްވާފައެވެ.
މިހާތަނަށް ހާމަކުރި ވަގުތީ ނަތީޖާގައި ރިޕަބްލިކަން ޕާޓީއަށް ހައުސްގެ އެއްގޮނޑި ދިފާއު ކުރެވިފައިވާއިރު، އެއްގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު، މިޑްޓާމް އިންތިޚާބުގެ ފުރިހަމަ ނަތީޖާ ލިބޭވަރުވާނީ ރާއްޖޭ ގަޑިން ބުދަދުވަހުގެ މެންދުރެއްހާއިރުއެވެ. އެހެން ނަމަވެސް، ނަތީޖާ ސާފުކުރާ ވަރަކަށް އެކިއެކި މީޑިއާތަކުން ދާނީ ވަގުތީ ނަތީޖާ އިއުލާން ކުރަމުންނެވެ.
ބައެއް ސްޓޭޓްތަކުގައި ވޯޓުލައިނިމި، ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާންކުރަން ފަށައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.