މ. ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް އެ ރަށުގައި ސަރުކާރުން ކުރިއަށްގެންދާ 75 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ދެވަނަ ޔުނިޓުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް ސައިޓުގައި މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ "ޑިޒައިން އެންޑް ބިލްޑް" އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެ ރަށުގައި ކުރިއަށްދަނީ ޔުނިޓުތަކުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމާއި ކޮންކްރީޓް އެޅުމުގެ މުހިންމު މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން ދިއްގަރުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނަ ޒަމާނީ ފެންވަރުގެ ގެތަކެކެވެ. މިއިން ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއް ހިމެނޭނެއެވެ.
އާބާދީގައި ގާތްގަނޑަކަށް 1،300 މީހުން ދިރިއުޅެމުންދާ ދިއްގަރަކީ ކުރިން އެންމެ 10 ހެކްޓަރުގެ ކުޑަ ރަށެކެވެ. ރަށުގެ ބޮޑު ސަރަޙައްދެއް ގިރަމުން ދިއުމުގެ ސަބަބުން ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ އެ ރަށުން 25 ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. އެގޮތުން 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓަކާއި، 138 މީޓަރުގެ ބޭރުތޮއްޓެއްގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ވަނީ ޖަހާފައެވެ. 75 ހައުސިންގ ޔުނިޓް ޢިމާރާތް ކުރަމުން ދަނީ މިގޮތަށް އަލަށް ހިއްކި ބިމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، މި 75 ހައުސިންގ ޔުނިޓުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު 30 އެނދުގެ އައު ހޮސްޕިޓަލުގެ މަޝްރޫޢާއެކު ރަށުގެ ޞިއްޙީ ޚިދުމަތް އިންގިލާބީ ފެންވަރަކަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ ޢުމްރާނީ ތަރައްޤީގެ ތެރެއިން ބަނދަރުގެ ޖާގަ ބޮޑުކުރުމާއި ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށާއި، ދިއްގަރު ސްކޫލަށް ބޭނުންވާ އިތުރު 9 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް ހިމެނޭ ޢިމާރާތެއް ބިނާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި ދިއްގަރާއި މުޅި މުލަކަތޮޅަކީ މަސްވެރިކަމަށް ޚާއްޞަ ސަރަޙައްދަކަށް ވާތީ، މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށް ފަސޭހަ މަގުތަކެއް ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކުންފުނީގެ ޕްރޮޖެކްޓް ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެއްވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.