ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ، ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ސީއެސްއާރުގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިރާގުން ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެނަލިޓިކްސް އެންޑް ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، ކްލައުޑް އެންޑް އައިޓީ ސަރވިސެސް، ކޯޕަރޭޓް ސަރވިސެސް، ސައިބަރ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިންގ، ހިއުމަން ރިސޯސަސް، ރެވެނިއު އެޝުއަރަންސް ބިޒްނަސް ކޮންޓްރޯލް، ސޭލްސް އަދި ސްޓޯރސް އެންޑް ޕްރޮކިއުމަންޓުގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ވިދާޅުވިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒުކޮށްފައިވަނީ، އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލާމު އަތޮޅުގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައިވެސް މި ޕްރޮގްރާމް ކުރިއަށްދާނެއެވެ.
ދިރާގުން ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްޤީ ކުރުމަށާއި، ވަގުތު މެނޭޖުކުރުމަށާއި، ޕްރޮޖެކްޓް ހިންގާނެ ގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު ތަމްރީނުތައް ލިބޭނެ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކް https://www.dhiraagu.com.mv/about-us/careers/apprenticeship-programme މެދުވެރިކޮށް 30 ނޮވެންބަރު 2026ގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ.
2009ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށްދާއިރު، މިއަދުގެ ނިޔަލަށް މި ޕްރޮގްރާމުގައި ޖުމްލަ 312 ޒުވާނުން ވަނީ ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ކުރީގެ ގިނަ ދަސްވެނިން ދަނީ، ދިރާގާއި ރާއްޖޭގެ އެކިކަންކޮޅުތަކުގެ އެހެނިހެން ޖަމިއްޔާތަކުގައިވެސް ވަޒީފާތައް އަދާކުރަމުންނެވެ.
ދިރާގުން ދަނީ، އެކުންފުނިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުވައި، މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރުތައް ތަރައްގީ ކުރުމަށް ގާބިލު މެނޭޖްމަންޓު ޓީމެއްގެ އިރުޝާދުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.