މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، މި ހިނގާ އަހަރު ނިމޭއިރު ތެލުގެ ސަބްސިޑީއަށް 3.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފިއެވެ.

މިއީ މިއަހަރަށް ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑު އިތުރުވުމެކެވެ. މިއަހަރުގެ ބަޖެޓުގައި ތެލުގެ ސަބްސިޑީއަށް 1.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، މިހާރު ލަފާކުރާ ގޮތުގައި ޚަރަދު ވަނީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ 2.6 ބިލިއަން ރުފިޔާ ނުވަތަ 253 އިންސައްތަ އިތުރުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަ އަހަރު ކޮންމެވެސް ވަރަކަށް ތިރިވި ނަމަވެސް، ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް އަގު ދަށްވާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން، އަންނަ އަހަރުވެސް ތެލުގެ ސަބްސިޑީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ މިއަހަރުގެ ޖުމްލަ ޚަރަދާ އަޅާބަލާއިރު 550 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އިޝްތިހާރު އިޝްތިހާރު

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދަޢުލަތުގެ ބަޖެޓުން ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އިޔާދަކުރަނިވި ހަކަތައިގެ މުހިންމު މަޝްރޫޢުތަކެއް ހިމަނާފައެވެ. އެގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 150 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ އާ މަޝްރޫޢެއް ފެށުމަށް ވަނީ ރާވާފައެވެ. މި މަޝްރޫޢުގެ ދަށުން އާންމު ގޭބިސީތަކުގައި ސޯލާ ޕެނަލް ހަރުކޮށް، އުފައްދާ ކަރަންޓު ސަރުކާރަށް ގަންނަ އުޞޫލެއް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އަތޮޅުތަކުގެ އިތުރުން މާލެ ސަރަޙައްދުގައިވެސް ކަރަންޓު އުފެއްދުމަށް ތެލަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި ޚާއްޞަ އާ މަޝްރޫޢުތަކެއް އަންނަ އަހަރު ފެށުމަށް ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.