މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު ކަމުގެ މަގާމުން ސ. މީދޫ، ހަސަންކާރިގެ، އަހުމަދު ނިޔާޒު މިއަދު ވަކިކޮށްފިއެވެ.
ނިޔާޒު އެމްޓީޑީސީގެ އިސް މަގާމުތަކުން ވަކިކޮށްފައިވަނީ ކުއްލި ގޮތަކަށެވެ. ކުންފުނީގެ ހިންގުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާގެ މަގާމުން އޭނާ ވަކިކުރި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް އުފެއްދި މި ކުންފުންޏަކީ މިހާރު މާ ގިނަ މަޝްރޫއުތަކެއް ހިންގާ އަދި ބޮޑު ފައިދާއެއް ހޯދަމުން އަންނަ ކުންފުންޏެއް ނޫނެވެ.
އަހުމަދު ނިޔާޒަކީ ތައުލީމީ އަދި މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވަސިޓީން މާސްޓަސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަސިޓީގެ އިންސްޓިޓިއުޓް އޮފް ޑައިރެކްޓަޝިޕް އިން ޑިޕްލޮމާ އިން ޑައިރެކްޓަޝިޕް ހާސިލުކުރައްވާފައިވާއިރު، އިގުތިސާދާއި ޕޮލިޓިކަލް ސައިންސް އަދި ސޯޝިއޮލޮޖީގެ ދާއިރާއިން ބެޗްލަސް ޑިގްރީވެސް ވަނީ ފުރިހަމަކުރައްވާފައެވެ.

އެމްޓީޑީސީގައި ނިޔާޒު މަސައްކަތް ކުރައްވަން ފެށީ ދެހާސް ހަތް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ކުންފުނީގެ އިސް މަގާމުތަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ދިހަ އަހަރަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގެ ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައެވެ. އެގޮތުން ސްކޫލް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވުމަށްފަހު، ރާއްޖޭގެ އެކި އަތޮޅުތަކުގެ ސްކޫލްތަކުގައި ހެޑްމާސްޓަރުކަން ކުރައްވާފައިވެއެވެ. އޭގެ ފަހުން ޕްރޮޖެކްޓް މެނޭޖްމަންޓާއި ލީޑަޝިޕްގެ ރޮނގުން ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީނުތަކެއް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު