ހދ. ނޮޅިވަރަން ސްކޫލުގައި އިމާރާތްކުރަމުންދާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ގްރައުންޑް ފްލޯގެ ރޫފް ސްލެބް ފޯމްވޯކް އެޅުމާއި ރީއިންފޯސްމަންޓްގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ސައިޓުގައި މިހާރު ދަނީ ކުރެވެމުންނެވެ.

ދަރިވަރުންގެ ތަޢުލީމީ އަދި އިތުރު ހަރަކާތްތަކަށް އެކަށީގެންވާ ޖާގައެއް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ނޮޅިވަރަން ސްކޫލުގައި ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، އެކި ކަހަލަ ބައްދަލުވުންތަކާއި ކުޅިވަރު އަދި އަދަބީ ހަރަކާތްތައް ބޭއްވުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދަނީ ހިންގަމުންނެވެ. އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި ސަރުކާރާ ޙަވާލުކުރުމަށެވެ.