ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ އެ ޤައުމުގެ ރަސްމީ ގަނޑުވަރު އައިވާން-އީ-ސަދްރުގައި ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޫ ޒަރްދާރީއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ރައީސާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޕާކިސްތާނުގެ ފަސްޓް ލޭޑީއާއެކު ވަކިވަކި ބައްދަލުވުންތައް ބާއްވަވާފައިވެއެވެ.
ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ދަތުރުފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމަށް ބައްލަވާލެއްވިއެވެ. އަދި ވިޔަފާރި، ތަޢުލީމު، ޞިއްޙީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެ ބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.
ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައިވާ މިންވަރަށް ބައްލަވާލެއްވިއެވެ. އަދި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.