ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރުދާރު އަޔާޒް ޞާދިޤް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަރުލަމާނީ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، އެ ގައުމުގެ ބޮޑުވަޒީރު، މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅު ކުރިއަށްދާނީ، މިހިނގާ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅު ދިމާވެފައި މި ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.