އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ، ދައުރު ހަމަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޕާކިސްތާނުގެ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު ދެއްވި ޚާއްޞަ އަހައްމިއްޔަތާއި ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، އެމަނިކުފާނު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން، އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވެ، އައު ހަރުފަތަކަށް ވާޞިލުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ސަފީރު ފައިޞަލް ރަސޫލް ލޯދީ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެއިން ހޯދަމުންދާ ފާހަގަކޮށްލެވޭ ކުރިއެރުމާއި ހަލުވި ތަރައްޤީއަށް ތަޢުރީފު ކުރެއްވިއެވެ. އަދި ރާއްޖޭގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަށްޓަކައި އެމަނިކުފާނު އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް އަޚުވަންތަ، ގާތް ގުޅުން ކުރިމަގުގައިވެސް އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެފަރާތުންވެސް އަރުވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.