މި އަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވަމުންދާ ދިވެހި ހައްޖުވެރިންނަށް ޑޮލަރުގެ އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެދިވަޑައިގަންނަވާފައއެވެ. މިގޮތުން، ހައްޖުވެރިންގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް 1,750 ޑޮލަރު އިތުރުކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މިއަދު އިޖުތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އަހަރުގެ ހައްޖުވެރިންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަށް ފަސޭހަ މަގެއް ތަނަވަސްކޮށްދިނުމަކީ އެމަނިކުފާނުގެ އެދުމެއް ކަމަށެވެ. އަދި މިކަމަށްޓަކައި، ކޮންމެ ހައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑުގެ މިހާރުގެ ޑޮލަރު ލިމިޓަށް 1,750 ޑޮލަރު އިތުރުކުރުމަށް ބޭންކުގައި އެދިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
Dr Mohamed Muizzu@MMuizzuމިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް …މީގެ ކުރިން، ރަމަޟާން މަހު އުމްރާއަށް ވަޑައިގެންނެވި ފަރާތްތަކަށް ޑޮލަރު ލިބުމުގައި ދިމާވި ދަތިތައް ޙައްލުކުރުމަށްޓަކައި، އުމްރާވެރިންގެ ޑެބިޓް ކާޑުތަކަށް 1,500 ޑޮލަރުގެ ލިމިޓެއް އިތުރުކޮށްދިނުމަށް ރައީސް އެދިވަޑައިގަތުމުން، ބީއެމްއެލްއިން އެކަން ތަންފީޛުކޮށްދީފައިވެއެވެ.
ރައީސްގެ މިއަދުގެ ޕޯސްޓުގައި، ރައްޔިތުންގެ ބޭންކެއްގެ ހައިސިއްޔަތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ މުއައްސަސާއަށް ޝުކުރު ދަންނަވާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.