ޔޫއެފާ ނޭޝަންސް ލީގުގައި ސްޕެއިން ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްފިއެވެ.

މި މެޗުން ސްޕެއިން މޮޅުވުމާއިއެކު ގްރޫޕް ތިނެއްގައި އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ 12 ޕޮއިންޓާއެކު އެއްވަނާގައެވެ. ކްރޮއޭޝިޔާއަށް ހަތަރު މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ.

ކްރޮއޭޝިއާގައި ކުޅުނު މި މެޗުގައި ސްޕެއިނުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ކްރޮއޭޝިޔާއިންނެވެ. ކްރޮއޭޝިޔާ ނޭޝަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި 7-0 ގެ ނަތީޖާއަކުން ބަލިވެފައިވި ނަމަވެސް މި މެޗުގައި އެ ޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 17 ވަނަ މިނިޓުގައި ކްރޮއޭޝިޔާއިން ވަނީ ލަނޑެއް ޖަހާ ދުނިޔޭގެ ޗެމްޕިއަން ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނި އިވާން ޕެރިސިޗްއެވެ.

އިޝްތިހާރު އިޝްތިހާރު

ސްޕެއިނުން ދެވަނަ ހާފަށް ނިކުތްއިރު ކޯޗު ލުއިސް ޑިލަފުއެންޓޭ ވަނީ އެލެކްސް ބައެނާގެ ބަދަލުގައި މިކޭލް މެރީނޯ ކުޅެން އަރުވާފައެވެ. ސްޕެއިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 2 މިނިޓަށް ވެފައިވަނިކޮށް މާޓިން ޒުބިމެންޑީ ދިން ޕާހަކުން މެރީނޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

ސްޕެއިނުން  ދެވަނަ ލަނޑު ޖެހުމުގެ ކުރިން މެޗުގެ 79 ވަނަ މިނިޓުގައި ރެފްރީ ވަނީ ކްރޮއޭޝިޔާގެ އިވާން ޕެރިސިޗަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.