ގދ.ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެ ރަށުގެ އާބާދީ އޮޅުވައިލިކަމަށް ތުހުމަތުވާ މައްސަލާގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްެގެ އޮފީހަށް ފޮނުވައިފިއެވެ.

އެމްއެމްޓީވީއަށް ޕީޖީ އޮފީހުގެ މަސްއޫލުވެރިޔަކު މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލާގައި ފުލުހުން ތަހުގީގު ނިންމައި ދައުވާކުރުމާމެދު ގޮތެއް ނިންމަައިދިނުން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. އަދި އެ މައްސަލާގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ކުޑަތަންވެފައިވަނިކޮށް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.

އިޝްތިހާރު އިޝްތިހާރު

ލާމަރުކަޒީ ގާނޫނަގައި ސިޓީއަކަށްވުމުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެއް ޝަރުތަކީ އެ ރަށެއްގެ އާބާދީ މަދުވެގެން 10،0000 އަށްވުރެ އިތުރުވުމެވެ. މި މައްސަލާގައި ތުހުމަތުވާ ގޮތުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އެއިރުގެ ރައީސް ހަމަޖެއްސެވިއިރު އެ ރަށުގެ އާބާދީއަކީ 8،000 މީހުންނެވެ.

މި މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާއަށް ވަދެ ބައެއް ލިޔެކިޔުން ގެންދިޔައެވެ. އަދި އެ މައްސަލާގައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. ސައުދުވަނީ އާބާދީ އޮޅުވައިލެއްވިކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

މި މައްސަލާގައި ސައުދާއެކު އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން އެދިފައިވާކަން ނުވަތަ ނޫންކަން މިހާތަނަށް ކަށަވަރުނުވެއެވެ.