ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބަޖެޓުގެ ޖުމްލަ ޢަދަދަކީ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ. މިއީ ހިނގަމުންދާ އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް ޢަދަދެކެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން ފޮނުވި ގޮތަށް އެއްވެސް އުނިއިތުރެއް ނުގެނެސް ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ތާއީދުކުރެއްވިއިރު، ކޮމިޓީން މި ބަޖެޓު ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީ މަރުޙަލާގައި މައިގަނޑު ގޮތެއްގައި ފާހަގަވެގެން ދިޔައީ، ބައެއް މިނިވަން މުއައްސަސާތަކުން އެދުނު މިންވަރަށް ވުރެ ކުޑަ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކެވެ. އެހެންނަމަވެސް، މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، މުއައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ދެކޮޅުޖެއްސޭނެ ކަމަށާއި، ކޮންމެހެން ކުރަންޖެހޭ އިތުރު ޚަރަދެއް ދިމާވެއްޖެނަމަ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން އެކަން ހަމަޖައްސައިދެވޭނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު މައިގަނޑު 10 ދާއިރާއަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ޞިއްޙީ ދާއިރާ، އިޤްތިޞާދާއި ސިނާޢީ ދާއިރާ، ދަރަނި އަދާކުރުން، ދިފާޢީ އަދި ޝަރުޢީ ދާއިރާ، ތަޢުލީމީ ދާއިރާ، ޢާންމު ޚިދުމަތްތައް، އިޖުތިމާޢީ ރައްކާތެރިކަން އަދި ބޯހިޔާވަހިކަމުގެ ދާއިރާ ހިމެނެއެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ޞިއްޙީ ދާއިރާއަށެވެ. އެއީ 10.6 ބިލިއަން ރުފިޔާއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.