ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގުމަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ކޮންމެ 1 ރުފިޔާއަކަށް، ދައުލަތަށް އަނބުރާ ހޯދުމަށް 2.9 ރުފިޔާގެ ނިސްބަތުން އެކި އިދާރާތަކުގައި އެދިފައިވާނެ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، 2022 އިން 2025 އަށް އޭސީސީގެ ހިންގުމަށް ދައުލަތުން 70 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ މުއްދަތުގައި ނިންމި ތަޙުޤީޤުތަކުން ދައުލަތަށް ގެއްލިފައިވާ 206 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާނެ ކަމަށެވެ. މިއީ ކުރި ޚަރަދާ އަޅާބަލާއިރު އެ ކޮމިޝަނުން އެދެވޭ ނަތީޖާއެއް ނެރެދޭކަމުގެ ހެއްކެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
އޭސީސީގެ ޤާނޫނީ އިމަށް އަލިއަޅުއްވާލައްވަމުން ޝާމިލް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ގެއްލޭ ފައިސާ ހޯދަން އިދާރާތަކަށް އެންގި ނަމަވެސް، ކޯޓުތައް މެދުވެރިކޮށް ސީދާ އެ ފައިސާ ހޯދުމުގެ ޤާނޫނީ ބާރު އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ހިނގަމުންދިޔަ ކޮރަޕްޝަންގެ އެތައް މައްސަލައެއް ހުއްޓުވައި، ދައުލަތުގެ ގިނަ ފައިސާތަކެއް ސަލާމަތްކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރަށް އޭސީސީން 53.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދިނީ 47.5 މިލިއަން ރުފިޔާ ކަމަށާއި، އުނިކުރި 6.4 މިލިއަން ރުފިޔާގެ 90 އިންސައްތައަކީ މުވައްޒަފުންގެ މުސާރައިން އުނިކުރި ބައިކަން ޝާމިލް ފާހަގަކުރެއްވިއެވެ. މުސާރައާއި ކުއްޔާއި އެހެނިހެން އިދާރީ ޚަރަދުތައް ކެނޑުމުން، ކޮމިޝަނުގެ އަސާސީ މަސައްކަތްތަކަށް ބާކީވަނީ މުޅި ބަޖެޓުގެ އެންމެ ދެ އިންސައްތަ (1.2 މިލިއަން ރުފިޔާ) ކަމަށް އޭނާ ވިދާޅުވިއެވެ.
މި 1.2 މިލިއަން ރުފިޔާ ބަހާލެވިފައިވަނީ މުވައްޒަފުން ތަމްރީނުކުރުމަށް 391،000 ރުފިޔާ، ގުޅުން ބަދަހިކުރުމަށް 371،000 ރުފިޔާ، ތަޙުޤީޤު ދަތުރުތަކަށް 200،000 ރުފިޔާ، އަދި ހޭލުންތެރިކުރުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ޙަރަކާތްތަކަށް ކޮންމެ ބަޔަކަށް 100،000 ރުފިޔާއެވެ.
ކޮމިޝަންގެ ބައެއް މުވައްޒަފުންގެ މުސާރަ 2015 ވަނަ އަހަރަށްވުރެވެސް ދަށްކަން ފާހަގަކުރައްވައި ޝާމިލް ވިދާޅުވީ، ޤާބިލު ތަޙުޤީޤުވެރިން ހިފެހެއްޓޭނީ އެކަށީގެންވާ އުޖޫރައެއް ދީގެން ކަމަށެވެ. އަދި އާންމުން ދިރިއުޅޭ ޢިމާރާތެއްގައި އޮފީސް ހިންގަން ޖެހުމުން ތަޙުޤީޤުތަކަށް މީހުން ހާޒިރުކުރުމުގައާއި އިދާރީ ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ބަޔާންކުރައްވައި، ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ފައިސާ ހަމަޖައްސައިދިނުމަށް އޭސީސީން ވަނީ މަޖިލީހުގެ ކޮމިޓީގައި އެދިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.