ދިރާސީ އަހަރު ޖެނުއަރީގައި ފަށަން ޖެހޭގޮތަށް ބަދަލުކޮށް، ހޯމް ސްކޫލިން ތައާރަފު ކުރާގޮތަށް، ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އާއްމުކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަރާނާ ނައީމު ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވީ މިދިޔަ ހޯމަ ދުވަހުއެވެ.
ބިލު ދިރާސާ ކުރުމަށްޓަކައި އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މި ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ އާއްމުންނަށް އެ ފުރުސަތު ހުޅުވާލަން ފާސްކޮށްފައެވެ.
ކޮމިޓީން އެގޮތަށް ނިންމުމާ ގުޅިގެން މަޖިލިސް އިދާރާއިން އެކަން އާއްމުކޮށް ބުނެފައިވަނީ، އެ ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ އިސްލާހެއް އޮތް ނަމަ މިމަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ، ޖޮއިންޓް ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ މަޖިިލިސް އިދާރާއަށް ލިއުމުން ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ދިރާސީ އަހަރާއި ދިރާސީ ކަލަންޑަރު ކަނޑައަޅާނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރު ފަށަންވާނީ އެ އަހަރެއްގެ ޖެނުއަރީ މަހުން ފެށިގެންނެވެ. ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ޖެނުއަރީ މަހުގައި ދިރާސީ އަހަރު ނުފެށޭ ހާލަތެއް ދިމާވި ނަމަވެސް، އެ އަހަރެއްގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކިޔެވުން ފަށަން ވާނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، ކޮންމެ އަހަރެއްގެ ދިރާސީ ކަލަންޑަރު މިނިސްޓްރީން އެކުލަވައިލާ އިރު މަދުވެގެން 8 ކަމެއް އޭގައި ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ދިރާސީ އަހަރު ފެށޭ ދުވަހާއި ނިމޭ ދުވަހާއި ކިޔަވައިދޭ ދުވަސްތަކާއި ކިޔަވައި ނުދޭ ދުވަސްތަކުގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތަކާއި އިމްތިހާނުތައް ބާއްވާނެ ދުވަސްތައް ހިމެނެއެވެ. އަލަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުޅުވާލާ މުއްދަތާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް ކަނޑައެޅިފައިވާ ދުވަސްވަރާއި ސްކޫލު ޗުއްޓީ ދުވަސްވަރު ވެސް އެ ކަލަންޑަރުގައި ހިމަނަން ޖެހެއެވެ.
ދިރާސީ އަހަރު ކަނޑައެޅުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސްކޫލު ޗުއްޓީ ދުވަސްތައް ނުހިމެނޭ ގޮތުން، މަދުވެގެން 195 ދުވަސް ކަނޑައަޅަންވާނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ކުރިއަށް އޮތް ދިރާސީ އަހަރަށް ކަނޑައަޅާ ކަލަންޑަރު، ހިނގަމުންދާ ދިރާސީ އަހަރު ނިމުމުގެ ކުރިން ކަނޑައަޅައި އިއުލާންކުރަންވާނެ ކަމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތައާރަފުކުރުމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ނުކުޅުދުންތެރިކަން ހުންނަ ކުދީންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދީންނަށް، އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތައުލީމު ފޯރުކޮށްދެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތައުލީމު ދެވޭނެ ކަމަށެވެ.
މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި، މަދަރުސީ ތައުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލު ކުރުމަށާއި އެނޫންވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ހިމެނެއެވެ.
ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި، ސްކޫލް ގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދީންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކުވެސް ނާސްތާ ހިލޭ ފޯރުކޮށްދިނުމަށް ކަނޑައެޅުން ފާހަގަކޮށްލެވެއެވެ. ބިލުގައި ތައުލީމީ ގާނޫނަށް އިތުރު ބައެއް ބަދަލުތައް ގެނައުމަށްވެސް ހިމަނާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.