ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ދާއިމީ ވިޔަފާރިއެއް ނެތި އިންބައުންޑް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ދެމުން އަންނަ ފަރާތްތަކުގެ އަތުން ނަގާ ޓެކްސް އުވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހީ ބިލުގެ ބަހުސް މަރުހަލާ ނިންމުމަށްފަހު، އެ ބިލު މަޖިލީހަށް ބަލައިގަނެ ފުރިހަމަ ދިރާސާއެއް ކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން، އެވަގުތު ތަޅުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި 44 މެންބަރުންގެ ތެރެއިން، އެމްޑީޕީގެ މެންބަރުން ހިމެނޭހެން 43 މެންބަރެއްގެ އަޣުލަބިއްޔަތުން ވަނީ މި ބިލު ފާސްކޮށްފައެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު މިފަދަ ފަރާތްތަކުން ޓެކްސް ނަގަން ފަށާފައިވަނީ މި ހިނގާ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެހެންނަމަވެސް، ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާ ތަމްސީލުކުރައްވާ މެންބަރު އިބްރާހީމް ދީދީ މި ބިލު ހުށަހެޅުއްވީ އެ ގާނޫނަށް އަލުން އިސްލާހު ގެނެސް، އެ ނިންމުން ބާތިލުކުރުމަށެވެ. މީގެއިތުރުން، ޖީއެސްޓީ ގަވާއިދުން ނުދައްކާ ފަރާތްތަކާ ދެކޮޅަށް މީރާއިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުން ވެސް މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ފަރާތަކަށް ޓެކުހުގެ މަންފާއެއް ލިބިދީފައިވާނަމަ ނުވަތަ ހިންގި މުއާމަލާތެއްގެ އަސްލު ބޭނުމަކީ ޓެކުހުގެ ލުޔެއް ހޯދުން ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން ރެކުމަށް ކުރެވުނު މުއާމަލާތެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.
އަދި ޖީއެސްޓީ ނުދައްކައި ދުރުހެލިވުމަށް އެއްވެސް ފަރާތަކުން އަމަލުކޮށްފި ހިނދެއްގައި، އެފަދަ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ސައްހަ މުއާމަލާތެއް ނޫން ކަމަށް ނިންމުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ވަނީ ދީފައެވެ.
މީގެއިތުރުން، ޓެކުހާ ގުޅޭ ނާޖާއިޒު މަންފާއެއްގެ ގޮތުގައި ބަލާނެ ކަންކަންވެސް ބިލުގައި ވަނީ ސާފުކޮށްދީފައެވެ. އޭގެ ތެރޭގައި ދައްކަންޖެހޭ ޖީއެސްޓީގެ އަދަދު ކުޑަކުރުމާއި، ފައިސާ ދައްކަންޖެހޭ ސުންގަޑި ފަސްކުރުން ފަދަ އަމަލުތައް ހިމެނެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ މަޖިލީހުން ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ.
މި ބިލުގައި ހިމަނާފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި، މި ބަދަލު ގެނައުމުން އިންބައުންޑް ޓޫރިޒަމުން ދައުލަތަށް ލިބޭނެ ކަމަށް ކުރިން އުއްމީދުކުރި އާމްދަނީ ގެއްލިގެންދާނެއެވެ. ކުރިން ލަފާކޮށްފައި އޮތީ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެއިން ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ނަގާ ޖީއެސްޓީ މެދުވެރިކޮށް ދައުލަތަށް 1608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.