ވައިގެމަގުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި، ބަންގްލަދޭޝްގެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ކަސްޓަމްސްއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ވަނީ 6.75 ކިލޯގެ މަސްތުވާތަކެތި އަތުލާގަނެފައެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށެވެ. މަސްތުވާތަކެތި ފެނުމާއެކު ފުލުހުންނާ ގުޅިގެން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއްގައި، އެ ތަކެތި ބަލައި ދިޔުމުން މި ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރެވުނު މީހުންނަކީ މީރްޒާ އަލް އަމީން، އެމްޑީ މިޒަންނޫރު ރަޙްމާން، އެމްޑީ ޖިހާދު ބިން އަރީފް އަދި އެމްޑީ އަރްމާން އަލީއެވެ. މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެމްޑީ މިޒަންނޫރު ރަޙްމާން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއިރު، އަނެއް ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މި މީހުންގެ މައްޗަށް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށެވެ. މަސްތުވާތަކެތީގެ ޤާނޫނު މިހާރު ހުރި ގޮތުން، މިފަދަ ތުހުމަތެއް ސާބިތުވެއްޖެނަމަ، މަރުގެ އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭ ކުށެއް ކަމަށް ބަޔާންވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.