ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ތޫފާންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރި ނަމަވެސް، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ވަނީ ގޯސްވެފައެވެ. އަދި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ދަނީ އާންމުންނަށް ސަމާލުތައް ނެރެމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މިއަދުން ފެށިގެން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ވިދާޅުވިއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކުރައްވާފައެވެ. އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.