ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ ސަރަހައްދަށް އައި ވިންޑް ކޮންވަރޖެންސް ނުވަތަ އެއް ދިމާލަކަށް ވައި ޖަމާވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތުއޮތްކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެގޮތުން، އެންމެ ދެކުނު ފިޔަވާ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

އިޝްތިހާރު އިޝްތިހާރު
ކުރިއަށް އޮތް 12 ގަޑިއިރު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފަނެކަމަށް ދުރާލާ ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މިއަދު މެންދުރުފަހުން ފެށިގެން ވައި ގަދަވާނެކަމަށާއި، ކަނޑުގަދަވާނެކަމަށް ބެލެވޭކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ވަނީ ރޭ ދަންވަރު 03:30އިން ހެނދުނު 09:30ގެ ނިޔަލަށް ހުދު ސަމާލުވެސް ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ ނ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.