ކ. ގުޅީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމާއި އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެރަށުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 12 ނޮވެންބަރު 2025 ގައެވެ. މި މަޝްރޫޢަކީ ޖުމްލަ 85.81 މިލިއަން ރުފިޔާއަށް، 510 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ޙަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
ގުޅީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، 56،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ބަނދަރު ޙިމާޔަތްކުރުމުގެ ގޮތުން 324 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 8 މީޓަރުގެ ސަރަޙައްދެއްގައި ފެނުއަޑީގެ ބޭރުތޮށި ލުމުގެ އިތުރުން، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެ ރަށުގެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި 283 މީޓަރުގެ ސަރަޙައްދެއްގައި އައު އެއްގަމުތޮށި ލުމާއި، ކުރިން ހުރި އެއްގަމުތޮށީގެ ތެރެއިން 280 މީޓަރުގެ ސަރަޙައްދެއް މަރާމާތު ކުރުން ހިމެނެއެވެ. އަދި 100 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ސަރަޙައްދުގައި 3،170 އަކަމީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދާއިރާގައި ފާހަގަކޮށްލެވޭ އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެ ކުންފުނިން ދަނީ ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމާ ގުޅިފައިވާ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ގުޅީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމުން، އެ ރަށުގެ މަސްވެރިންނަށާއި، ވިޔަފާރިވެރިންގެ އިތުރުން ދަތުރުފަތުރުކުރާ އާންމު ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.