ގަވައިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ގަވައިދާ ޚިލާފަށް ނުވަލައްކަ ސާޅީސް ފަސް ހާހަށްވުރެ ގިނަ ދިވެހި ރުފިޔާއަށްވާ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު އިންޑިއާ ފަސިންޖަރެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން ހުއްޓުވައިފިއެވެ.
މި މައްސަލާގައި އަތުލައިގަނެފައިވަނީ 905،669.80 ދިވެހި ރުފިޔާއަށްވާ ބޭރު ފައިސާއެވެ. މި ފައިސާ ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު ރާއްޖެއިން ފުރަން ދިޔަ އިންޑިއާ ފަސިންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

އެ ފަސިންޖަރު ރާއްޖެއިން ފުރަން ދިޔައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މި ފައިސާއަކީ ކަސްޓަމްސްއަށް ޑިކްލެއާނުކޮށް ގަވައިދާ ޚިލާފަށް ބޭރުކުރަން އުޅުނު ފައިސާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ފައިސާތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްގެ ފައިސާކަމުގެ ތަފުސީލެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ރާއްޖެއިން ގަވައިދާ ޚިލާފަށް ބޭރު ފައިސާ ބޭރުކުރުމުގެ މައްސަލަތައް ފަހަކަށްއައިސް އިތުރުވެފައިވާއިރު، މީގެ ކުރިންވެސް މިފަދަ ބޮޑެތި މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު ބިދޭސީ ބަޔަކުވެސް ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި އެ ތަކެތީގެ މުއާމަލާތްތައް ކުރުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކުން އަންނަނީ މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ފާރަވެރިވަމުންނެވެ.











ކިޔުންތެރިންގެ ހިޔާލު