ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑެއް ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން ރާއްޖޭގެ މޫސުމް ގޯސްވާނެތީ މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ، މި ތޫފާނުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ.
ބޭ އޮފް ބެންގޯލުގައި އުފެދޭނެކަމަށް ބެލެވޭ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ، އުތުރާއި މެދު ރާއްޖެތެރެއަށެވެ. މިދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށާއި، އެލްނީނޯ އެންމެ ބާރުގަދަވާނީ ޑިސެމްބަރުގައި ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް މިއަދު ކުރި ވިއްސާރައިގައި ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ. އޭގެތެރޭގައި ޅ.އަތޮޅާއި ކ.އަތޮޅުގެ ބައެއް ރަށްތައް ހިމެެނެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، އާދިއްތަ ދުވަހުގެ މެންދުރު 14:00 އިން ފެށިގެން 18:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން އދ.އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ކަނޑުތައް އާދައިގެ ވަަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3-6 ފޫޓާއި ދެމެދުގައި ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއްވައެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާކަމެއްދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.