ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މި ހިނގާ މަހުގެ ނުވަވަނަ ދުވަހު މަޖިލީހަށް ތައާރަފުކުރި މި ބިލު ކޮމެޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާލުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، އަންނަ މަހުގެ ހަތަކަށް މަސައްކަތް ނިންމަން ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒެވެ. މި ހުށަހެޅުމަށް ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް ތާއީދުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ނިންމާފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މި ބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ހުޅުވާލުމަށެވެ. ކޮމެޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އާންމުކޮށް ބޮޑެތި ބިލުތަކަށް ދެނީ ހަތް ދުވަހުގެ މުއްދަތެއް ކަމުގައި ވިޔަސް، މި ފަހަރު ބޭނުންވީ އާންމުންނަށް ހިޔާލު ހުށަހެޅުމަށް ވީހާވެސް ބޮޑު ފުރުސަތެއް ފަހިކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ކަމަށްވާ ކޮންސްޓްރަކްޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ބަންޑާރަނައިބުގެ އޮފީސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މި ބިލާ ގުޅޭގޮތުން ދެކޭގޮތް ލިޔުމުން ހޯދުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރު، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެން ސަމީރު ވަނީ މިއީ ފުޅާ ދާއިރާއެއްގައި ބަލަންޖެހޭ މުހިންމު ބިލަކަށް ވާތީ، އަންނަ މަހުގެ 19 ގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށާއި މަދަނީ އަދި ދީނީ ޖަމިއްޔާތަކުގެ މަޝްވަރާ ހޯދުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ހުށަހެޅުންތަކަށް އެހެން މެންބަރުންގެ ތާއީދެއް ނުލިބުނެވެ.
ސަރުކާރުން މި ބިލު އެކުލަވާލައި މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ ރިއަލް އެސްޓޭޓު ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށެވެ. އަދި މި ވިޔަފާރީގައި އުޅޭ ޑިވެލޮޕަރުން ބަލަހައްޓައި، އެ ފަރާތްތަކަށް ލައިސަންސް ދިނުމާއި މަޝްރޫއުތައް ރަޖިސްޓްރީކުރުމުގެ އިތުރުން، މިފަދަ ތަންތަން ގަންނަ އާންމު ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމަކީވެސް މި ގާނޫނުގެ މައިގަނޑު އެއް މަގުސަދެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ޒޯނެއްގެ ކުލީގެ މުއްދަތު ހަމަވި ނަމަވެސް، އެ ތަނަކުން މިލްކުވެރިކަމުގެ ހައްގު ހޯދާފައިވާ މީހުންގެ ލީޒްހޯލްޑް ހައްގުތަކަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ބިމާއި އިމާރާތްތަކާ ގުޅޭ ގާނޫނީ ހައްގުތަކާއި، ދިރިއުޅުމަށާއި ވިޔަފާރިއަށް ބިން ތަރައްގީކޮށް ހިންގުމާ ބެހޭ ތަފްސީލީ މާނަކުރުންތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.