އައްޑޫ ސިޓީގެ ސިއްޙީ ކުއްލި ފަރުވާއާއި ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހިތަދޫގައި "އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސް" އެއް ޤާއިމުކުރުމަށް ނޫރައްދީން އިންވެސްޓްމެންޓާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކުރީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިންނެވެ.
އޭއީއެޗުން ބުނީ، މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް މިހާރު ފޯރުކޮށްދެމުންދާ އެމްބިއުލާންސްގެ ޚިދުމަތްތައް ފުޅާކޮށް، އެކަށީގެންވާ ވަސީލަތްތަކާއެކު އީއެމްޓީ އަދި ޕެރެމެޑިކްސްގެ ޚިދުމަތް އެކުލެވޭ ފެންވަރު ރަނގަޅު ނިޒާމެއް ޤާއިމުކުރުމެވެ. މިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލިމީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައިވެސް ފަރުވާގެ ކަންކަން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
Addu Equatorial Hospital@aeh_mvA step forward in strengthening healthcare transport services in Addu City!
Addu Equatorial Hospital and Noorahdheen Investment officially signed an agreement for the establishment of the Ambulance & Transport Service Complex.
Follow Our Journey!



މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކުރެވޭ ތިން ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތުގައި އެމްބިއުލާންސްތައް ޕާކުކުރުމަށާއި، ކުދި މަރާމާތުތައް ކުރުމުގެ އިތުރުން ސާމާނު ރައްކާކުރާނެ ގުދަނެއް ހުންނާނެއެވެ. އަދި ކުއްލި ހާލަތްތައް ވިލަރެސްކުރާނެ ކޯލް ސެންޓަރަކާއި، ޑިސްޕެޗް އޭރިއާއެއްގެ އިތުރުން ޑްރައިވަރުންނާއި މެޑިކަލް ޓެކްނީޝަނުންނަށް ޚާއްޞަ ޖާގަތައްވެސް މި ކޮމްޕްލެކްސްގައި ހިމެނޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި މި މަރުކަޒުން ރަސްމީކޮށް ޚިދުމަތް ދޭން ފެށޭނެ ކަމަށް އޭއީއެޗުން ލަފާކުރެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އިމަޖެންސީ މެޑިކަލް ޓެކްނީޝަން (އީއެމްޓީ) ގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން ކުރިއަށް ގެންދާނެއެވެ.
އެއް ފުރާޅެއްގެ ދަށުން މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ އެމްބިއުލާންސްތައް ބެލެހެއްޓުމަށާއި، ކުއްލި ހާލަތްތަކުގައި އަވަސް ރެސްޕޮންސެއް ދިނުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މިއީ މުޅި އައްޑޫ ސިޓީގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު އުސްމިނަކަށް ގެންގޮސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.