އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަން އެއާލައިންސުން މިހާރު ކުރަމުންދާ ދަތުރުތައް، އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހަށް އިތުރުކުރުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، އެ އެއާލައިންގެ މައި މަރުކަޒު ކަމަށްވާ ކޮލޮމްބޯ މެދުވެރިކޮށް، ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ ދެމެދު އޮތް ވައިގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މި ނިންމުމުގެ ސަބަބުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނޭހެން މުޅި ދެކުނު ސަރަހައްދުގެ ފަތުރުވެރިކަމަށާއި، ވިޔަފާރިއާއި އިގްތިސާދީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އުފާވެރި ހަބަރު އިއުލާނުކޮށްފައިވަނީ، ސްރީލަންކަން އެއާލައިންސުން ގަމަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުމުގެ މުހިންމު މުނާސަބަތާ ދިމާކޮށެވެ. މިއީ އެ އެއާލައިނުގެ ތާރީހުގައިވެސް ހާއްސަ މޭލުގަލެކެވެ.

އިޝްތިހާރު އިޝްތިހާރު

މިހާރުވެސް މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ އެއަރބަސް އޭ320 އަދި އޭ321 މަރުކާގެ ބޯޓުފަހަރެވެ. މި ދަތުރުތަކަށް ގާތްގަނޑަކަށް އެއް ގަޑިއިރާއި 50 މިނެޓު ހޭދަވާއިރު، ހަފުތާއަކު ތިން ދަތުރު ބާއްވަން ފެށުމުން، މި ރޫޓުން ދަތުރުކުރެވޭ ފަސިންޖަރުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

ކޮލޮމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް މި މަގު ފަހިވެގެން ދިޔުމަކީ، އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގެ މުހިންމު ޤައުމުތަކުން ރާއްޖޭގެ ދެކުނަށް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަނަވަސްކަމެކެވެ. މީގެ އިތުރުން، އައްޑޫ ސިޓީއާއި އަވަށްޓެރި ސަރަޙައްދުތަކުގެ ވިޔަފާރިވެރިންނަށް މުދަލާއި ޚިދުމަތް ބަދަލުކުރުމުގައި ފަސޭހަތަކެއް ލިބި، ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅިގެންދާ ވަރުގަދަ ބާރަކަށް މިކަން ވެގެންދާނެއެވެ.