ހަކުރުބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަން ޖެހެނީ ހަމައެކަނި އެ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދަށް ބަލައިގެން ނޫން ކަމަށާއި، ބަލިން ރައްކާތެރިވެ ދުޅަހެޔޮ، އުފެއްދުންތެރި ދިރިއުޅުމެއް ވޭތުކުރާ މީހުންގެ ނިސްބަތަށްވެސް ބަލައިގެން ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބޭއްވި "ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބިޓީސް" ގެ ނަމުގައި ކުރިއަށްދިޔަ މަހާސިންތާ އިފްތިތާޙު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ރާއްޖޭގައި ޓައިޕް-2 ޑައިބިޓީސް މެނޭޖުކުރުމަށް އެކުލަވާލި ޚާއްޞަ ޕްރޮޓޮކޯލް ރަސްމީކޮށް ނެރެދެއްވާފައެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ތަޢާރަފުކުރި މި ޕްރޮޓޮކޯލްގެ ސަބަބުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކަކުން ފޯރުކޮށްދޭ ފަރުވާއާއި، ކައުންސެލިންގ އަދި ބަލިމީހުންގެ ހާލަތު ބެލުމުގެ މިންގަނޑުތައް އެއްހަމަކުރެވިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ހަކުރުބަލި ފަދަ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ ހަމައެކަނި ޞިއްޙީ ދާއިރާގެ މަސައްކަތުން ނޫން ކަމަށާއި، ސްކޫލްތަކާއި މުޅި މުޖުތަމަޢުގެ އެއްބާރުލުން މިކަމަށް ނުހަނު ބޭނުންތެރި ކަމަށް ފާހަގަކުރެއްވިއެވެ. އަދި ބައްޔަށް އައު ފަރުވާތައް ހޯދުމަށްވުރެ ބޮޑަށް އިސްކަންދޭންވީ ބަލިން ރައްކާތެރިވުމަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން މިހާރު އިސްކަންދެމުންދާ ޕްރައިމަރީ ހެލްތު ކެއާގެ ސިޔާސަތުގެ ދަށުން އަތޮޅުތަކުގައި ކުރިއަށްގެންދިޔަ ސްކްރީނިންގ ޕްރޮގްރާމްތަކުން 40،000 އަށްވުރެ ގިނަ މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން 400 އެއްހާ މީހުންނަކީ ހަކުރުބަލި ހުރިކަން ކުރިން ނޭނގި ތިބި މީހުންކަން ވަޒީރު ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވައި، އަހަރަކު ދެ ފަހަރު ސަރުކާރުގެ ޚަރަދުގައި މެޑިކަލް ޗެކަޕް ހެދޭނެ މަގު ތަނަވަސްކޮށްދީފައިވާތީ، ގިނަ ޢަދަދެއްގެ ރައްޔިތުން އެ ޚިދުމަތުގެ ބޭނުން ހިފަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ހުރިހާ ރައްޔިތުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.