ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލާ ޑްރޯނާއި މިސައިލް ހަމަލާތަކުގެ ބިރުވެރިކަން އިތުރުވުމާ ގުޅިގެން، ދުނިޔޭގެ އަދި ސަރަހައްދީ ފާހަގަކޮށްލެވޭ އެއާލައިންތަކަކުން އެ ގައުމަށް ކުރަމުންދިޔަ ދަތުރުތައް މި މަހުގެ 30 ގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޔަމަނުގެ ހޫތީންނާއި ސައުދީ ސިފައިންނާ ދެމެދު ބަދަލުކުރެވޭ ހަމަލާތައް އަނެއްކާވެސް ވަރުގަދަވެ، ސައުދީގެ ވައިގެ ބަނދަރުތަކަށާއި މުހިންމު އުމްރާނީ ތަންތަނަށް ހަމަލާތައް އަމާޒުކުރަން ފެށުމާ ގުޅިގެންނެވެ.

މި މަހުގެ ނިޔަލަށް ދަތުރުތައް މެދުކަނޑާލި ބައެއް އެއާލައިންތަކުގެ ތެރޭގައި:

އިޝްތިހާރު އިޝްތިހާރު
  • އިންޑިގޯ: ޖިއްދާ، މަދީނާ، ރިޔާޟް އަދި ދައްމާމަށް ޝެޑިއުލްކޮށްފައި ހުރި އެންމެހައި ފްލައިޓުތައް މި މަހުގެ 30 އާ ހަމައަށް ވަނީ ކެންސަލްކޮށްފަ އެވެ.

  • އެއާ އިންޑިއާ އަދި އަކާސާ އެއާ: މި ދެ އެއާލައިނުން ވެސް ވަނީ ސައުދީގެ ސިޓީތަކަށް ދަތުރުކުރުން ހުއްޓާލާފަ އެވެ. މީގެ ތެރެއިން އަކާސާ އެއާއިން ރިޔާޟަށް ދިއުން މެދުކަނޑާލާފައިވަނީ ނޮވެމްބަރު 30 އާ ހަމައަށެވެ.

  • އިއްތިހާދު އެއާވޭސް: އަބޫދާބީ މަގުން ރިޔާޟަށާއި ދައްމާމަށް ކުރާ ދަތުރުތައް މި ހިނގާ މަހުގެ 30 ގެ ނިޔަލަށް ވަނީ ހުއްޓާލާފަ އެވެ.

  • ލުފްތަންސާ: ދައްމާމަށް ކުރާ ދަތުރުތައް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ މެދުކަނޑާލައިފަ އެވެ.

  • ބިމާން ބަންގްލަދޭޝް އެއާލައިންސް: ޑާކާއިން ރިޔާޟަށް ކުރާ ދަތުރުތައް މި މަހުގެ 30 އަށް މެދުކަނޑާލި ނަމަވެސް، ޖިއްދާ، މަދީނާ އަދި ދައްމާމަށް ކުރާ ދަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ އެވެ.

މީގެ އިތުރުން ކޭއެލްއެމް އަދި ފްލައިދުބާއީން ވެސް ރިޔާޟް ހިމެނޭހެން ބައެއް އެހެން ސިޓީތަކަށް ކުރާ ދަތުރުތައް މި މަހުގެ 27 އާ ހަމައަށް ވަނީ ކެންސަލްކޮށްފަ އެވެ. ހަމައެއާއެކު އިޓާ އެއާވޭސްއިން އަންނަ އަހަރުގެ ޖެނުއަރީ 7 އަށް ރިޔާޟްގެ ދަތުރުތައް ހުއްޓާލާފައިވާއިރު، ސްކޫޓް އެއާލައިނުން ޖިއްދާ ދަތުރުތައް މެދުކަނޑާލާފައިވަނީ ފެބްރުއަރީ 28 ގެ ނިޔަލަށެވެ.

ދަތުރުތަކަށް ބުރޫއެރުމާ ގުޅިގެން، ޓިކެޓް ގަނެފައިވާ ފަރާތްތަކަށް އެކަން އަންގައި، ފައިސާ އަނބުރާ ލިބޭނެ ގޮތާއި އެހެން ތާރީޚަކަށް ޓިކެޓް ބަދަލުކުރެވޭނެ އިންތިޒާމު އެއާލައިންތަކުން ވަނީ ފަހިކޮށްދީފަ އެވެ.

އަދި އެއާޕޯޓަށް ފުރުމުގެ ކުރިން، ކަމާބެހޭ އެއާލައިނެއްގެ ރަސްމީ ވެބްސައިޓުން ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތާއި ޝެޑިއުލް ޗެކްކުރުމަށް އެއާލައިންތަކުން އިލްތިމާސްކުރެ އެވެ.