އީރާނުން ބަހުރެއިނަށް ދިން ވައިގެ ހަމަލާތައް ސައުދީ އަރަބިއްޔާއިން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
ސައުދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދިން ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ބަހްރެއިންގެ ސަލާމަތާއި ހަމަޖެހުން ހިމާޔަތްކުރުމަށް އަޅާ ހުރިހާ ފިޔަވަޅެއްގައި ސައުދީ އަރަބިއްޔާ އޮތީ ބަހްރެއިނާ އެކީގައި ކަމަށެވެ.
އީރާނުން ދިން ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އަދި އަވަށްޓެރިކަމުގެ އުސޫލުތަކާވެސް ހިލާފު ހަމަލާތަކެއް ކަމަށް ސައުދީ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.
ހަމަ އެއާއެކު، ސަރަހައްދުގެ ގައުމުތަކަށް އީރާނުން ދޭ ހަމަލާތައް ވަގުތުން ހުއްޓުވައި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.
ޑްރޯން ބޭނުންކޮށްގެން އީރާނުން ވައިގެ ހަމަލާތައް ދީފައިވަނީ ބަހްރެއިންގެ އައް ރިފާ އެއަރ ބޭހުގެ ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ ރާޑަރު ސިސްޓަމަކަށެވެ. އެ ތަނަށް 6 ޑްރޯން ހަމަލާ އީރާނުން ދިނެވެ.
މިއީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އަދާވާތްތެރި އަމަލުތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ ބުނެފައެވެ.
އީރާނުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ހޮރްމޫޒު ކަނޑުއޮޅީގެ ދެކުނުން އުމާންގެ ޖަޒީރާ ރަށްތަކުގެ ތެރެއިން ރަށެއްގައި އެމެރިކާ ސިފައިން ގާއިމްކޮށްފައިވާ ރާޑަރު ސިސްޓަމާއި، މުވާސަލާތީ ވަސީލަތްތަކަށްވެސް އީރާނުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހުވަނީ ވަރުގަދަ ވައިގެ ހަމަލާތަކެއްދީ އެ ސައިޓް މުޅިން ހަލާކުކޮށްލާފައެވެ.

އިޝްތިހާރު އިޝްތިހާރު