އީރާނުގެ ދެކުނުގެ ޤެޝްމް އައިލެންޑަށް އެމެރިކާ ސިފައިން ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައްދުގައި އީރާނުން ކުވައިތާއި، ބަހްރެއިންގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފިއެވެ.

އީރާނުން ހަމަލާތައް ދީފައިވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، އީރާނުގެ ޤެޝްމް އައިލެންޑަށް ހަމަލާ ދިނީ "އަމިއްލަ ނަފުސުގެ ދިފާއުގައި" ކަމަށެވެ. އެމެރިކާ ސިފައިން ވައިގެ ހަމަލާ ދީފައިވަނީ އެ ރަށުގައި ގާއިމްކޮށްފައިވާ އީރާނު އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނަށެވެ.

އިޝްތިހާރު އިޝްތިހާރު

ޤެޝްމް އައިލެންޑަކީ ހޮރްމޫޒު ކަނޑުއޮޅީގައި އޮންނަ އީރާނުގެ މުހިންމު ރަށެކެވެ.

އެމެރިކާއިން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އީރާނުން ހާމައެއް ނުކުރެއެވެ.

ރައްދުގައި އީރާނުންވަނީ ކުވައިތާއި ބަހްރެއިންގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބޭސްތަކަށް އަމާޒުކޮށް އެތަކެއް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އީރާނުން ފޮނުވާލި ގިނަ މިސައިލާއި ޑްރޯންތައް ވައްޓާލި ކަމަށް އެމެރިކާ ސިފައިން ބުނި ނަމަވެސް، ކުވައިތާއި ބަހްރެއިންގެ ބޭސްތަކުން ވަރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވުނު ކަމަށް، ރިޕޯޓްތައް ބުނެއެވެ.

އަދި އޭގެ ބައެއް މަންޒަރުތަކުގެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

އީރާނު ދައުލަތުގެ މީޑިއާ، އައިއާރްއައިބީން ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ކޭމްޕް އާރިފްޖާންއަށާއި، އަލީ އައް ސާލިމް އެއަރބޭސްއަށް އީރާނުން ދެބުރެއްގެމަތިން ހަމަލާ ދީފައިވާ ކަމަށާއި، ހަމަލާތައް އޭގެ އަމާޒަށް ވާސިލްވި ކަމަށްވެސް ބުނެފައި ވެއެވެ. މިކަން ކުވައިތުގެ ޑިފެންސް މިނިސްޓްރީންވެސް ކަށަވަރު ކޮށްދީފައި ވެއެވެ.

އީރާނުގެ ހަމަލާތައް ހުއްޓުވުމުގައި ކުވައިތާއި ބަހްރެއިންގެ އެއަރ ޑިފެންސް ސިސްޓަމްތައް ފެއިލްވެފައިވާކަން ވީޑިއޯތަކުން ހާމަވެއެވެ.

ބަހްރެއިނުންވެސް ބާރުގަދަ 8 ގޮވުމުގެ އަޑުފަށްގަނޑު އިވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނީ، ކުވައިތާއި ބަހްރެއިންގެ ބޭސްތަކަށް ހަމަލާދިނީ، އީރާނުގެ ޤެޝްމް އައިލެންޑަށް ވައިގެ ހަމަލާ ދިނުމަށް އެ ގައުމުތަކުގައި ހުރި ބޭސްތައް ބޭނުންކޮށްފައިވާތީ ކަމަށެވެ.