އެމެރިކާ ސިފައިން ހިންގާ އުދުވާނު ތަކުރާރު ކުރާނަމަ ހޮރްމޫޒު ކަނޑުއޮޅި އެއްކޮށް ބަންދުކޮށްލަން ޖެހިދާނެ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެ އިންޒާރު ކޮށްފިއެވެ.
އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރު – އައިއާރްޖީސީން މިކަމަށް އިންޒާރު މިކުރީ، ހޮރްމޫޒުގައި އީރާނުގެ ކަނޑުގެ ސިފައިންނާއި އެމެރިކާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކަށް ފަހުގައެވެ.
ރޭގެ ކުރިމަތިލުންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލް އިންގިލާބީ ލަޝްކަރުންވަނީ ހާމަކޮށްފައެވެ.
ބުނެފައިވަނީ، އެމެރިކާ ސިފައިން މަސައްކަތްކުރީ، އީރާނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފްވެ އެމީހުންގެ ހިމާޔަތުގައި 4 ތެޔޮ ޓޭންކަރެއް ހޮރްމޫޒު ހުރަސްކުރުވަން ކަމަށެވެ.
އީރާނުގެ ކަނޑުގެ ސިފައިންނާ ކޯޑިނޭޓް ނުކޮށް ހޮރްމޫޒު ހުރަސްކުރަން މަސައްކަތް ކުރި ޓޭންކަރު ތަކަށް އިންޒާރު ދިނުމުންވެސް ދަތުރު ހުއްޓާނުލުމުން އެތަނުން އެއް ޓޭންކަރަށް އީރާނުން ހަމަލާ ދިނީ ކަމަށާއި، ހަމަލާ ދިނުމުން އަނެއް ތިން ޓޭންކަރު އަނބުރާލާފައި އައިކޮޅަށް ދިޔައީ ކަމަށް، އައިއާރްޖީސީން ބުނެފައި ވެއެވެ.
ހަމަލާ އަމާޒުވި އެމެރިކާގެ ތެޔޮ ޓޭންކަރު އީރާނުގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އޭގެފަހުން އެމެރިކާ ސިފައިން ޑްރޯން ބޭނުންކޮށްގެން އީރާނުގެ ގޭޝްމް އައިލެންޑްގެ ކޮމިއުނިކޭޝަން ޓަވަރަކަށާއި، ސިރިކްގެ ޕޯޓުގައި ހުރި ޓަވަރަކަށް ވައިގެ ހަމަލާ ދިނީ ކަމަށް އީރާނުން ބުނެފައި ވެއެވެ.
އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން އީރާނުގެ އިންގިލާބީ ލަޝްކަރުންވަނީ، ކުވައިތުގައި އެމެރިކާ ސިފައިން ތިބޭ ދެ އެއަރބޭސް ކަމަށްވާ އަލީ އަލް ސާލިމް އެއަރބޭހަށާއި، އާރިފްޖާންއަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައެވެ.
މީގެއިތުރުން، އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓް ގާއިމްވެފައިތިބޭ ބަހްރެއިންގެ އެއަރ ބޭހަށްވެސް އީރާނުންވަނީ ބެލިސްޓިކް މިސައިލް ހަމަލާ ދީފައެވެ.
އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތައް ވައްޓާލި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ނަމަވެސް، އީރާނުގެ ހަމަލާތައް އަމާޒުވެ އެއަރބޭސްތަކުން ދުން އަރަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތައް ދައުރުވަމުން އެބަދެއެވެ. އީރާނުގެ މީޑިއާއިންވެސް އެ ވީޑިއޯތައް އާންމުކުރަމުން ގެންދެއެވެ.
އީރާނުން ބޭސްތަކަށް ހަމަލާދޭ ވީޑިއޯތައްވެސް ދައުރުވަމުން އެބަ ދެއެވެ.
އީރާނުގެ ކޮމިއުނިކޭޝަން ޓަވަރުތަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައް އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވެސް އާންމުކޮށްފައި ވެއެވެ.
ކުވައިތާއި ބަހްރެއިންގައި އެމެރިކާ ސިފައިން ތިބޭ ބޭސްތަކަށް ހަމަލާ ދިނުމަށްފަހު އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނުގައި، ރައްދު ހަމަލާތައް ފުޅާކުރަން ޖެހިދާނޭ ކަމަށާއި، ތެލާއި ގޭސް އެކްސްޕޯޓްކުރުމަށް ހޮރްމޫޒު ކަނޑުއޮޅި އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭގޮތް ހެދުމުން ކުރިމަތިވާނެ ނަތީޖާތަކުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު