އީރާނު މަތިން އުދުހުނު އެމެރިކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފިއެވެ.

އެމެރިކާގެ ޑްރޯން އުދުހެމުންދިޔައީ ހޮރްމޫޒު ކަނޑުއޮޅީގައި އޮންނަ އީރާނުގެ ޤޭޝްމް އައިލެންޑް މަތިންނެވެ.

ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ހަމަލާދީއެވެ.

އިޝްތިހާރު އިޝްތިހާރު

އެމެރިކާގެ ޑްރޯން ވައްޓާލަން ބޭނުންކުރީ އީރާނު ވައިގެ ސިފައިންގެ އެޑްވާންސްޑް އެއަރ ޑިފެންސް ސިސްޓަމް ކަމަށް، އީރާނުގެ ފާރސް ނޫސް އޭޖެންސީން ބުނެފައި ވެއެވެ. މިއީ އީރާނުގެ އަމިއްލަ އުފެއްދުމެކެވެ. އަދި މި ސިސްޓަމުން އުދުއްސާލީ "ސައްޔަދް-3" ގެ ނަމުން ނަންދީފައިވާ އެއްގަމުން ވަޔަށް އުދުއްސާލާ ބާވަތުގެ މިސައިލެކެވެ.

އީރާނުން ހަމަލާ ދިނުމުގެ ސަބަބުން އެމެރިކާގެ ޑްރޯން ވައިގެ ތެރޭގައި ގޮވައި ދުމާއެކު ވެއްޓޭ މަންޒަރުގެ ވީޑިއޯވެސް ފާރސްއިން އާންމުކޮށްފައި ވެއެވެ. ޑްރޯންއަށް ހަމަލާ ދިނުމުގެކުރިން އެ ހިސާބުން އެމެރިކާގެ އަސްކަރީ ޖެޓުތަކެއް ފެނިފައިވާ ކަމަށްވެސް އީރާނުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އެމެރިކާގެ ޑްރޯން ވައްޓާލަން ބޭނުންކުރި ބާވަތުގެ މިސައިލް، ހަނގުރާމައިގެ ތެރޭގައި އީރާނުން ބޭނުންކޮށްފައިވަނީ ވަރަށް ނާދިރު ހާލަތެއްގައި ކަމަށް ވެއެވެ. މިއީ، ވަރަށް ދުރަށް އުދުއްސާލައިގެން ދުޝްމަނުންގެ ވައިގެ އުޅަނދުތަކަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެކެވެ.

ހޮރްމޫޒު ކަނޑުއޮޅީގެ ސަރަހައްދަށް ވަދެއުޅުނު އެމެރިކާގެ އަގުބޮޑު އެތައް ޑްރޯންއެއް އީރާނުގެ ވައިގެ ސިފައިން ހަމަލާދީ ވައްޓާލާފައި ވެއެވެ.

އަދި ހޮރްމޫޒުގެ ކަނޑުއަޑިން އީރާނަށް ފާރަލާން ދުއްވި އެމެރިކާ ސިފައިންގެ ކަނޑުއަޑީގެ 2 ޑްރޯންވެސް އީރާނުން މިދިޔަ ތިންހަފްތާ ތެރޭގައި އަތުލައިގެންފައި ވެއެވެ.